ޚަބަރު

"ސަރުކާރުގެ 52 ހަފުތާގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން"


ފާއިތުވެދިޔަ 52 ހަފުތާގައި ކުޅިވަރުގެ ދާއިރާއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އެންމެ ބޮޑު ޗެލެންޖެކަށް ވެގެންދަނީ ކުޅިވަރު ވުޒާރާއަށް މަތިކުރެވިފައިވާ މަސައްކަތްތައް ގިނަ ކަމާއި އަދި ބަޖެޓުގައި ޖެހިފައިވާ އަދުދުތައް މަދުންވުން ކަމަށެވެ. އެގޮތުން ސަރުކާރާ ހަވާލުވިއިރު ހިނގަމުންދާ މަޝްރޫތަކުގައި ގިނައީ ފައިސާ ހަމަޖެހިފައި ނެތް މަޝްރޫތައް ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަޝްރޫއުތައް ފަށާފައި ހުރި ގޮތުން އެއީ ވުޒާރާގެ ބަޖެޓުން އެކަނި ވާންހުރި ކަންކަން ނޫންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަޖެޓުގެ ތާށިކަމާހުރެ އެކަން ވެގެންދިޔައީ ބޮޑު ޗެލެންޖަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެ ޗެލުންޖުތަކާ އަޅުގަނޑުމެން ފޭސްކުރީ ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިލުތަކާ މަޝްވަރާކޮށްގެން. ކުރެވެން ހުރި ކަންކަން އަދި އެންމެ އިސްކޮށް ހުރިކަންކަން ޕްރައިވަޓައިޒްކޮށް، އެކަންކަން ކުރެވެން ހުރި މިންވަރަކުން ކުރުން." ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަސީލަތްތައް ރަނގަޅުކުރުމަށް ކުރެވެނު މަސައްކަތާއެކު މުޅި ރާއްޖޭގައި 140 ވުރެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ފަށައިގަނެވެނު ކަމަށެވެ. އޭގެތެރެއިން 30 އަށްވުރެ ގިނަ މަޝްރޫތައް ސަރުކާރުން ނިންމާފައިވާ ކަމަށާއި، މި އަހަރު އަލަށް ކުޅިވަރުގެ 38 މަޝްރޫއެއްގެ މަސައްކަތް މިހާރު މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވުއެވެ. އަދި އެ ހުރިހާ މަސައްކަތެއް އެއް ފަހަރާ ގެންދިޔުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެހެންނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެއަށްވުރެ ފުޅާދާއިރާއެއްގައި ބަޖެޓުގައި ޖެހިގެން، ރިޕެއާ އެންޑް މެއިންޓެނެސްގެ އުސޫލުތަކެއް ކަނޑައެޅި އަޅުގަނޑުމެން ކުރިއަށްގެންދާނީ މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި" ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ހެދިފައި ހުރި ތަންތަން ރަނގަޅަށް ބަލަހައްޓަންވެސް ޖެހޭ ކަމަށާއި، އެފަދަ ތަންތަން ނުބެލެހެއްޓުމުން އެތަންތަނުގެ މަރާމާތުގެ ކަންކަން ކުރުމަށް ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ.