ދުނިޔެ

އެމެރިކާއާއި ރަޝިޔާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެ


އެމެރިކާއާއި ރަޝިޔާއިން ސޫރިޔާގައި ހިންގާ އަސްކަރީ ޙަރަކާތްތައް މިހާރަށްވުރެ ބޮޑަށް ގުޅިގެން ކުރިއަށް ގެންދިއުމަށް އެދެޤައުމުން އެއްބަސްވެއްޖެއެވެ. 

މިކަން ހާމަކުރަމުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ މިކަމާބެހޭގޮތުން ދެޤައުމުގެ އަސްކަރީ މަސްއޫލުވެރިން މަޝްވަރާ ކުރުމަށްފަހު އާދީއްތަ ދުވަހު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ރަޝިޔާއިން މިހެން ބުނެފައިމިވަނީ އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާޢަތަކާ ދެކޮޅަށް ރަޝިޔާއިން ވައިގެ ޙަމަލާތަކެއް ދިންކަމަށްބުނެ އެމެރިކާ ގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ޝަކުވާތަކެއް ކޮށްފައިވަނިކޮށެވެ.

ރަޝިޔާއިން ސޫރިޔާ ސަރުކާރަށް އަސްކަރީގޮތުން އެހީތެރިވަމުންދާއިރު އެމެރިކާ އެހީތެރިވަނީ ސޫރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތްތަކަށެވެ. މީގެއިތުރުން އެމެރިކާއާއި ރަޝިޔާއިން ވެސް ދަނީ ސޫރިޔާގައި ޙަރަކާތްތެރިވަމުންދާ އައިއެސް ޖަމާޢަތާއި ޖަބްހަތުއްނުޞްރާ ޖަމާޢަތުގެ އަމާޒުތަކަށް ތަކުރާރުކޮށް ޙަމަލާތައް ދެމުންނެވެ.