ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން އާސެނަލުން ކާމިޔާބުކޮށްފިއެވެ.
މިއީ ސްޕޯޓިންގ ގެ ކޯޗު ކަމުން ރުބެން އަމޮރިމް ވަކިވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި އެ ޓީމު 17 މެޗު ކުޅެފައިވާއިރު ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ. ޗެމްޕިއަންސް ލީގުގައި ސްޕޯޓިންގ އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމު ވަނީ މެންޗެސްޓަރ ސިޓީ 4-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗުގެ 7 ވަނަ މިނިޓުގައި އާސެނަލްގެ ގެބްރިއެލް މާޓިނޭލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 22 ވަނަ މިނިޓުގައި ކައި ހަވަޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ގެބްރިއެލް މަގަލާއެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0. އަށް ބަދަލުކޮށްފަ އެވެ.
ސްޕޯޓިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޓްރިންކާއޯ ގެ އެސިސްޓަކުން ގޮންޒާލޯ އިނާސިއޯ ވަނީ ސްޕޯޓިންގ އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ބުކަޔޯ ސަކާ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ އަށް އަރާފަ އެވެ. އަދި ސްޕޯޓިންގ އަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު އަށްވަނައިގައި އޮތީ އާސެނަލް އާއި ދެމެދުވާ ގޯލުގެ ތަފާތުންނެވެ.