ޚަބަރު

މަޖިލީހުގެ މިދައުރުގެ މުއްދަތު އަންނަމަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި


  • މުއްދަތު އިތުރުކޮށްފައިވަނީ ނުނިމި މަސައްކަތްތައް ހުރުމުން

  • ދައުރު ދަންމާލަން ފާސްކޮށްފައިވަނީ މެންބަރުންގެ ވޯޓުން

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން ޢަބްދުއްރަޙީމް ވިދާޅުވީ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްތުކުރައްވަނީ މަޖިލީހުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ. ނަމަވެސް އެ މުއްދަތު އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.

މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރެވެ. މިއީ މިއަހަރުގެ އެންމެ ފަހު ދައުރެވެ.

މަޖިލީހުގެ މި ދައުރު އިތުރު ކުރުމަށް ނިންމާފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތްވެސް އަދި ނުނިމެއެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެކި ބިލުތަކުގެ މަސައްކަތްވެސް މަޖިލީހުގައި ކުރިއަށް އެބަދެއެވެ.