ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ކަމަށް ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ވާހަކަ ދަންނަވަން.
— Heena Waleed (@MvSpokesperson) December 1, 2024
ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަކީ މާލީ ވަޒީރުކަމަށް މޫސާ ޒަމީރު އައްޔަން ކުރައްވައި، ސިއްޙަތާބެހޭ ވަޒީރުކަމަށް ޢަބްދުﷲ ނާޡިމް އަދި ޚަރިޖީ ވަޒީރަކަށް އަބްދުﷲ ޚަލީލް އައްޔަން ކުރެއްވުމެވެ.
އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވަނީ އެކަމަނާގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާފައިވާއިރު އެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.