ޚަބަރު

މައްސަލަތައް އަވަސްކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ މިމަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް


  • ކޯޓުން ރިސެސްއަށް ދަނީ މި މަހުގެ 15އިން ފެށިގެން

އަޑުއެހުންތައް ބޭއްވުމުގައި ދަތިތައް ހުރުމުން މިމަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. އެ ކޯޓުން މިގޮތަށް ނިންމީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ކްރިމިނަލް ކޯޓުގެ ޤަވާއިދާ އެއްގޮތަށް ކޯޓުގެ ގާޟީންގެ މަޖިލީހުންނެވެ. ސުޕީރިއާ ކޯޓުތައް ކޮންމެ އަހަރަކު ދެ ފަހަރު ރިސެސްއަށް ދާނެއެވެ. ޢާންމުގޮތެއްގައި ޖޫން މަހާއި ޑިސެމްބަރު މަހު ކޯޓުތައް އޮންނަނީ ރިސެސްގައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ޙައްލުވެފައިނުވާ ކަމަށާއި، މިވަގުތުވެސް ކޯޓުން މަސައްކަތް ކުރަނީ ޝަރީޢަތްކުރާ މާލަންތައް އެކި ގާޟީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ. މީގެ ސަބަބުން ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތައާވަލުކުރުމުގައި ގޮންޖެހުންތައް އެބަހުރިކަމަށާއި، އެހެންކަމުން މުޅި މަސް އެއްކޮށް ރިސެސްއަށް ނުދިއުމަށް ގާޟީންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

އެ ކޯޓުން ނިންމާފައިވަނީ މި މަހުގެ 15އިން ފެށިގެން ރިސެސްއަށް ދިއުމަށެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ހުޅުމާލޭގައި ކުރިން ކޯވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ޢިމާރާާތަށް އެ ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، މައްސަލަތައް އަވަސްވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިހިނގާ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައްވެސް އެކޯޓުން ވަނީ ޢާންމުކުރައްވާފައެވެ.

- 7958 ޤަޟިއްޔާގެ އަޑުއެހުން ތައާވަލުކުރި
- 515 ޤަޟިއްޔާ ކޯޓުން ނިންމި
- 2615 މީހުންގެ ބަންދާމެދު ގޮތެއް ނިންމި
- 2043 ތަފާާތު އެކި ކޯޓު އަމުރުދޫކުރި

ކްރިމިނަލް ކޯޓުން ވިދާޅުވީ މި މަހުގެ 15ގައި ރިސެސްއަށް ދިޔަނަމަވެސް އެ މުއްދަތުގައި ބައެއް މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، ކޯޓުގެ އިމާރާތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި ތަފާތު ކޯޓު އަމުރުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެ ކޯޓުން ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކާއި، ޤާނޫނާއި ގަވާއިދުގައި ވަކި މުއްދަތަކަށް ނިންމަންޖެހޭ މަސައްކަތްތަކާއި، އަންނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަން ހުރި މަސައްކަތް ކުރުންވެސް މި މުއްދަތުގައި ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.