ޚަބަރު

މާލީ ވުޒާރާއިން ޝާޢިއުކުރަންޖެހޭ ހުރިހާ ރިޕޯޓެއް މިހާރު ދަނީ ޝާޢިއުކުރަމުން: މާލީ ވަޒީރު


  • ވަޒީރު މިހެން ވިދާޅުވީ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި

  • އޮޑިޓަރ ޖެނެރަލްގެ ލަފައެއް ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވި

މާލީ ވުޒާރާއިން ޝާޢިއުކުރަންޖެހޭ ހުރިހާ ރިޕޯޓެއް މިހާރު ވަގުތައް ޝާޢިއުކުރަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފްސީލް ހިމަނައިގެން ކޮންމެ ހަފްތާއަކު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" އަދި ކޮންމެ މަހަކު "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓްސް"ގެ ނަމުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ނެރެމުންދިޔަ މާލީ ހިސާބުތައް ނެރުން ހުއްޓާލީ ކީތްވެތޯ ވަޒީރާއި ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބުދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި ޕަބްލިކް އެކައުންޓްސް ރިކޮންސިލިއޭޝަން ކުރުމުގެ މަސައްކަތުގެ ޚަރަދު ރިކޯޑް ކުރުމުގައި ހުރި މައްސަލަތަކެއް ފާހަގަވެފައިވާކަމަށެވެ.

ލޯނު ފަންޑެޑް އެކައުންޓްސްގެ ޑިސްބާސްމަންޓް އެކައުންޓިން ސިސްޓަމްގައި ރިކޯޑްކުރުމުގައި މިނިސްޓްރީން ގެންގުޅެމުންދިޔަ އުސޫލުތަކާއި ހުރި މައްސަލަތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ހިނގާފައި ހުރި ޚަރަދުތައް މިއަހަރުގެ ބަޖެޓްގައި ރިކޯޑް ކުރެވިފައިވާކަމަށެވެ. ރިޕޯޓްތައް ޕަބްލިޝްކުރުން ހުއްޓާލީ މިސަބަބާ ހެދިކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެފަހުން ރަނގަޅަށް އެކައުންޓް ކުރާނީ ކިހިނެތްތޯ އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދިކަމަށެވެ.

"މިހާރު މިނިސްޓްރީން ޕަބްލިޝްކުރާ އެއްވެސް ރިޕޯޓެއް ގަވާއިދުން ޕަބްލިޝްނުކުރެވިއެއް ނުހުންނާނެ. އޮކްޓޯބަރު މަސް ތެރޭގައި އަޅުގަނޑުމެން ފަށައިފިން. ފުރަތަމަވެސް އަޅުގަނޑު މަގާމާއި ހަވާލުވެ އޮޑިޓަރ ޖެނެރަލްއާއި ބައްދަލުކުރިން. ބައްދަލުކޮށްފައި އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިން މި މައްސަލަ ހައްލުކުރެވޭނެ ގޮތެއް ހޯދާފައި އަޅުގަނޑުމެން އަނެއްކާވެސް ޕަބްލިޝްކުރަން ފެށީ އެ ޑޭޓާ." ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރު އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އަދި މިހާރު އެއުސޫލުތަކަށް އަމަލުކުރަމުން އަންނަކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.