ޚަބަރު

ބިދޭސީންނާ ގުޅޭ 1000އަށްވުރެ ގިނަ މައްސަލަ "އިމިގްރޭޝަން ވޮޗް"އަށް


  • މިއީ ނޮވެމްބަރު މަހުގެ ނިޔަލަށް ހުށައަޅާފައިވާ މައްސަލަ

  • އެންމެ ގިނައިން ހުށައަޅާފައިވަނީ ޤަވައިދާ ހިލާފަށް ވިޔަފާރި ކުރުމުގެ މައްސަލަ

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1000 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މި

"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިއަހަރުގެ ޖުލައިމަހުގެ 17ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ޤާއިމުކުރި އެންމެ ހަރުދަނާ އެއްނިޒާމުގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ނޮވެމްބަރު މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް 1017 މައްސަލަ ހުށައަޅާފައިވާކަމަށެވެ. މީގެތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވައިދާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. މިފަދަ 239 މައްސަލަ ހުށައަޅާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ދެ ވަނައަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ވޯކް ވިސާއާއި ގުޅޭ މައްސަލަތަކެވެ. އެފަދަ 239 މައްސަލައާއި، ހަށިވިއްކުމުގެ 65 މައްސަލައެއްވެސް މިހާތަނަށް އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވެއެވެ.

ހުށައަޅާފައިވާ އެހެނިހެން މައްސަލަތައް:

- މީހުން ގެއްލިގެން ރިޕޯޓްކުރުން: 41 މައްސަލަ
- ޓޫރިސްޓް ވިސާއާއި ގުޅޭ: 14 މައްސަލަ
- ނުކިޔަމަންތެރިވުން: 12 މައްސަލަ
- ކުށްކުރުން: 11 މައްސަލަ
- ވިސާއާއި ގުޅޭ: 12 މައްސަލަ
- ޓްރެފިކިންގ: 10 މައްސަލަ
- އެހެނިހެން: 67 މައްސަލަ

އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވާ 1017 މައްސަލައިގެ ތެރެއިން 39 މައްސަލަ މިހާރު ވެރިފިކޭޝަން މަރުހަލާގައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި 187 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާކަމަށެވެ. މީގެއިތުރުން އެ އިދާރާއާއި ގުޅުންނެތް 81 މައްސަލަވެސް މި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށްޓަވާފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު ފަސް ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.