ޚަބަރު

ސަރުކާރުން ހުށަހެޅުއްވި އިސްލާހުތަކާއެކު މަސްތުވާތަކެތީގެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ: މެންބަރުން


  • މި މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުތަކުން އިހުމާލުވެފައިވާކަން މެންބަރުން ތުހުމަތުކުރޭ

ސަރުކާރުން މަސްތުވާތަކެއްޗާބެހޭ ބިލަށް ހުށަހެޅުއްވި އިސްލާހުތަކާއެކު މަސްތުވާތެކީގެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ.

ބިލަށް ބަހުސްކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވީ އެތައް އަހަރުތަކެއްފަހުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މުހިންމު 89 އިސްލާހެއް ސަރުކާރުން ހުށަހަޅުއްވާފައިވާއިރު އޭގެސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އެކަމުން އަރައިގަތުމަށް ޤާނޫނުގެ ތެރެއިން ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ކުރީ ސަރުކާރުތަކާއި އަދުލު އިންސާފު ޤާއިމުކުރާ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ޤާނޫނުއްގެ ނަމުގައި ޤާނޫނެއް ހަދާފައި އޮންނަނީ. އެ ޤާނޫނަކަށް ޢަމަލުކުރެވޭ ދުވަހެއް ނާދޭ. ޤާނޫނުގައި ދެތިން މާއްދާއެއް ލިޔުމަށްފަހުގައި ޤާނޫނެކޭ ކިޔާފައި ރައްޔިތުންނާހަމައަށް ގެނެސްދެނީ. އެ ޤާނޫނުގެ ފުރިހަމަކަމެއް ނުވަތަ ބޭނުމެއް އަޅުގަނޑުމެން ރައްޔިތުންނަށް ހިފިގެން ނުދާތަން ފެންނަނީ" މެންބަރު އިބްރާހިމް ހުސައިން ވިދާޅުވިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ ސަރުކާރުގެ ފަރާތުން ޤާނޫނަށް ހުށަހަޅުއްވި އިސްލާހުތަކުން ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ އިހުލާސްތެެރި ނިޔަތެއް އޮތްކަން ހާމަވެގެންދާ ކަމަށެވެ. ރާއްޖެއަށް އިޖުތިމާޢީގޮތުން ދިމާވެފައިވާ މައްސަލަތަކަކީވެސް މަސްތުވާތަކެތީގެ ތެރެއިން އުފެދޭ މައްސަލަތަކަށްވާއިރު އެކި ސަރުކާރުތަކުން އެކަން ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.

"ކުރެވިފަ ނެތީމަ މި މައްސަލަ ބޮޑުވަމުން ބޮޑުވަމުން އައިސް މިއަދާ ހިސާބަށް އައިއިރު، އަތުން އެއްކޮށް ދޫވާ ހިސާބަށް މައްސަލަ މިއޮތީ ބޮޑުވެފައި. އެހެންނަމަވެސް އަދުގެ ސަރުކާރުން މި ޤާނޫނަށް އިސްލާހުތަކެއް ގެނެސް، މަސްތުވާތަކެތީގެ މި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ހަގީގަތުގައި މިހާރު ކުރަމުން ގެންދަވާކަން އަޅުގަނޑުފާހަގަކޮށްލަން" ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވިއެވެ.

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ މަސްތުވާތަކެތިފަދަ މައްސަލަތައް ހައްލުވެގެންދާނީ ސަރުކާރުން އިސްނަންގަވައިގެން ކަމަށާއި ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ކަނޑުމަގުންނާއި ވައިގެމަގުން އެތެރެކުރުމަށް ހުޅުވާލެވިފައިވާ ދޮރުތައް ބަންދުވާނެކަމަށެވެ. އެގޮތުން، އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރުމާއި އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ ފަރާތްތައް ދެނެގަނެ ދެވިހިފުމުން ދުރުކޮށްދިނުމަށް އިސްލާހުގައި އަލިއަޅުވާލާފައިވުމަކީ މުހިންމު ކަމެއްކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

"ސިންގަޕޫރު މެލޭޝިއާ ފަދަ ޤައުމުތަކުގައިވެސް ވަރަށް ބޮޑު އަދަބު އެބަހުރި ކަނޑައެޅިފައި މަސްތުވާތަކެތި އެތެރެކުރުން. ހަމައެގޮތަށް މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތަކަށްވެސް ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގަހެން ޤާނޫނުތައްވެސް ހެދިފައެބަވޭ. އެއީ މި މަސްތުވާތަކެތީ ނުރައްކާތެރިކަން ހާމަކޮށްދޭ ކަމެއް"

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހިމަނުއްވާފައެވެ.