ޚަބަރު

ސަސުއޯލޯ ބަލިކޮށް މިލާން ކުއާޓާއަށް


އިޓާލިއަން ކަޕުގެ ދެވަނަ ބުރުގައި ރޭ ސެރީއޭ ބީގެ ސަސުއޯލޯ 1-6 ގެ ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް އޭސީ މިލާން ދަތުރުކޮށްފިއެވެ.

މިލާންގެ ސެން ސީރޯގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ސެމުއެލް ޗުކްވުއެޒޭ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓުފަހުން، މިލާންގެ ދެވަނަ ލަނޑު، ޓިޖާނީ ރެއިންޑާސް ކާމިޔާބުކޮށްދިންއިރު، 21 ވަނަ މިނެޓުގައި މިލާންގެ ތިންވަނަ ލަނޑުޖަހައިދިނީ ޗުކްވުއެޒޭ އެވެ.

އަދި އޭގެ ދެ މިނެޓުފަހުން، ޕޯޗުގީޒް ފޯވާޑް، ރަފައެލް ލެއާއޯ ކާމިޔާބުކުރި ގޯލާއެކު މިލާނުން ފުރަތަމަ ހާފު ނިންމާލީ 4-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 މިނެޓުގެ ތެރޭގައި ޑަވިޑޭ ކަލާބްރިއާ ވަނީ މިލާންގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ. އޭގެ ތިން މިނެޓުފަހުން، ސަސުއޯލޯގެ ހަމައެކަނި ލަނޑުޖަހައިދިނީ ސެމުއެލް މުލަޓިއެރީ އެވެ. މި ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް، މެޗުގެ 62 ވަނަ މިނެޓުގައި މިލާންގެ ފަހު ލަނޑުޖަހައިދިނީ ޓެމީ އެބްރަހަމް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޮލޯނިއާ އިން އަމިއްލަ ދަނޑުގައި މޮންޒާ އަތުން ވަނީ 4-0 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޓޮމާސޯ ޓޮބޭގާ، ރިކާޑޯ އޯސޮލީނީ، ބެންޖަމިން ޑޮމިންގޭޒް އާއި ސެންޓިއާގޯ ކާސްޓްރޯ އެވެ.

ކުއާޓާގައި މިލާނުން ނިކުންނާނީ އޭއެސް ރޯމާއާ ސަމްޕްޑޯރިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބޮލޯނިއާ ކުޅެން ޖެހެނީ އެޓަލާންޓާއާ ސެސޭނާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގަ އެވެ.