ވިޔަފާރީގެ ބޭނުމަށް އެޗްޑީސީން ދޫކޮށްފައިވާ ތަންތަނުން އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 226 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވެއްޖެއެވެ. ފަޟުލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވީ އައު މެނޭޖްމަންޓް ކުންފުންޏާ ހަވާލުވިއިރު އެކި ފަރާތްތަކަށް އެޗްޑީސީން ދޫކޮށްފައިވާ ބިމާއި އިމާރާތްތަކުން ޖުމްލަ 1.4 ބިލިޔަން ރުފިޔާ އެ ކުންފުންޏަށް ނުލިބި ހުރިކަމަށެވެ. މީގެ ތެރޭގައި ލީސްގެ ގޮތުގައި ނުލިބިހުރި 699 މިލިޔަން ރުފިޔާ އާއި ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ ގޮތުގައި ލިބެންޖެގޭ 720 މިލިޔަން ރުފިޔާ ހުރިކަން ފަޟުލް ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އެ ކުންފުންޏާ ހަވާލުވެވަޑައިގެން މި މައްސަލަ ހައްލު ކުރުމަށް ކުންފުނީގައި ރިކަވަރީ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން ކުރެއްވި މަސައްކަތުން މިހާތަނަށް 226 މިލިޔަން ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ވިދާޅުވިއެވެ.
ފަޟުލް ވިދާޅުވީ އެ ކުންފުންޏަށް ޖުމްލަ ގޮތެއްގައި އެކި މުއައްސަސާތައް ހިމެނޭހެން 14 ބިލިޔަން ރުފިޔާ ނުލިބިހުރި ކަމަށެވެ. އަދި އެ ފައިސާ ހޯދަން މީގެ ކުރިން މަސައްކަތް ކުރެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ވިޔަފާރި ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުގެ ކުލި ދައްކަމުންނުގެންދާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނާ… pic.twitter.com/BUgHoXdSYY
— People's Majlis (@mvpeoplesmajlis) December 4, 2024
"ކުންފުންޏަށް ބޭރުގެ ދަރަނީގެ ގޮތުގައި ލިބެންޖެހޭ އަދަދު ބަލާލަން ޖެހޭ. އެގޮތުން މުޅި ދަރަނީގެ ގޮތުގައި 14 ބިލިޔަން ރުފިޔާ އަޅުގަނޑުމެންނަށް ލިބެންޖެހޭ. މީގެ ތެރޭގައި ހުރިހާ މުއައްސަސާތަކެއް ހިމެނޭ. މިއީ ވަރަށް ސިގްނިފިކަންޓް ޢަދަދެއް. މިއީ މަސައްކަތްތަކެއް ނުކުރެވިހުރުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ،" ފަޟުލް ވިދާޅުވިއެވެ.
ފަޟުލް ވިދާޅުވީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކި ފަރާތްތަކާއެކުވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ފައިސާ ދެއްކުމަށް އަންގައި، ފައިސާ ދައްކައި ޚަލާސް ކުރަން ބޭނުންވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމުގެ ފުރުސަތުވެސް ދެމުން އަންނަކަން ފަޟުލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފައިސާ ނުދައްކާނަމަ އެފަރާތަކަށް ދީފައިވާ އިމާރާތް ނުވަތަ ބިން އަތުލުމަށް ކޯޓު މަރުހަލާއަށް ދިއުމަށްވެސް ނިންމާފައިވާކަމަށް މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވިއެވެ.