ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމަށް އަބްދުﷲ ޖިހާދު


ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް، ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ ޖިހާދު އައްޔަންކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް އަބްދުﷲ ޖިހާދު އައްޔަންކުރައްވާފައި މިވަނީ، ނައިބު ރައީސްކަމުގެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އަދީބް އެމަޤާމުން ވަކިކުރިތާ ދުވަސްތަކެއްވެފައިވަނިކޮށެެވެ. 

ނައިބު ރައީސްކަމަށް ޖިހާދު އައްޔަންކުރުމުގެ އިތުރުން، ވަޒީރުންގެ މަޖިލީހަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ބަަދަލުތަކެއް ގެންނަވާފައެވެ. 

މިގޮތުން ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އުމަރު ނަޞީރު އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރުކަމުގެ މަޤާމަށް، ޔޫތް އެންޑް ސްޕޯރޓްސް މިނިސްޓަރަކަށް ހުންނެވި އަހުމަދު ޒުހޫރު ވަނީ އައްޔަންކުރައްވާފައެވެ. ޔޫތް އެންޑް ސްޕޯރޓްސް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހެލްތް މިނިސްޓަރަކަށް ހުންނެވި އިރުތިޝާމް އާދަމްއެވެ. 

ހެލްތް މިނިސްޓަރަކަށް އައްޔަންކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރި ކަމުގެ މަޤާމްގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. 

img:http://s3.psmnews.mv/images/660x400/14665837564258.jpg|ހެލްތް މިނިސްޓަރުކަމަށް އައްޔަންކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމް

ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަދި އެމްއެމްއޭގެ އިސް މަޤާމްތަކެެއް ފުރުއްވާފައިވާ އަހުމަދު މުނައްވަރެވެ. 

img:http://s2.psmnews.mv/images/660x400/14665838978790.jpg|ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި އަހުމަދު މުނައްވަރު

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ކުޑަކުދިންގެ ޙައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އާރކްގެ އެގްޒެކްޓެވި ޑިރެކްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ. 

img:http://s3.psmnews.mv/images/660x400/14665839397979.jpg|މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމަށް އައްޔަންކުރެއްވި ޒެނީޝާ ޝަހީދު ޒަކީ

މިބޭފުޅުން މަޤާމުގެ ހުވާކޮށް، ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ހުވާ ލައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ.