ޚަބަރު

ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ފަށައިފި


  • ސަރުކާރުން އަންނަނީ ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން

ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ކ. ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރާއްޖެއަކީ ސާފު ތަނެއްގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން އަންނަނީ ދެމުންނެވެ. މިގޮތުން ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް މިހާރު މިވަނީ ފަށާފައެވެ.

މިއާއެކު ހިންމަފުށީގެ ގޭބިސީތަކުންނާއި ކޮންސްޓްރަކްޝަން ސައިޓްތަކާއި ވިޔަފާރިތަކަށްވެސް ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ވެމްކޯގެ ޚިދުމަތް މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ހިސާބުތަކުގައިވެސް އަންނަނީ ދެމުންނެވެ. އެގޮތުން ހދ.ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި މާފުށީގައިވެސް އެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަޞްދަރުން ފެށިގެން، ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ގޮތުން ޤައުމީ ޕްލޭނެއް ވަނީ އިފްތިތާހްކޮށްފައެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން ދެމުން އަންނައިރު އެ ކުންފުނިން މިހާރު އަންނަނީ ރިސޯޓުތަކުންވެސް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.