ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ 4 ސިޓީއަކަށް އަންނަމަހު ފަށާނެކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗެންޑޫ އަދި ޒިޔާންއަށެވެ.
ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗެންޑޫ އަދި ޒިޔާންއަށް މޯލްޑިވިއަން ސީދާ ދަތުރުތައް ފަށާނެކަން ހާމަކުރީ ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްުޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ އަންނަމަހު ފަށާ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.
މި ރަސްމިއްުޔާތުގައި ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުފަތުރު ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މި ޤައުމީ އެއަރލައިންގެ ފްލީޓަށް އިތުރުކުރަން ނިންމާފައިވާ ވައިޑް-ބޮޑީ އެއާކްރާފްޓްގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ ބެއިޖިން، ޝަންހާއީ، ޗެންގްޑޫ އަދި ޒިއާންއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އޭ330-200 ވައިޑް ބޮޑީ މަތިންދާބޯޓުކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ 4 ސިޓީއަކަށް ފެށުމަށް ތައްޔާރުވަމުންދާއިރު މުސްތަޤުބަލުގައި ޔޫރަޕާއި އެފްރިކާގެ ޤައުމުތަކަށްވެސް ދަތުރުތައް ފަށާނެކަން ވަނީ އިއުލާންކޮށްފައެވެ. މި މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކައި އެޤައުމުތަކުން އެޖެންޓުން ހޯދުމާއި ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގެ އިތުރުން ސްރީ ލަންކާގެ ކޮލޮމްބޯއަށެވެ.