ދަތުރުފަތުރުގެ ނިޒާމަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށް އޮތް ހަފްތާގައި ފަށަން މޯލްޑިވްސް ޕޮލިސް ސަރވިސުން ނިންމަވައިފިއެވެ.
ފުލުހުން ވިދާޅުވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މާލޭ ސިޓީ ޕޮލިސް ގުޅިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަން ހޮނިހިރުދުވަހު ފެށުމަށް ނިންމަވާފައިވާކަމަށެވެ. އަދި އޭގެ ކުރިން އެފަދަ ތަންތާގައި ބަހައްޓާފައިހުރި އުޅަނދުތައް އޭގެ ވެރިފަރާތްތަކުން ނެގުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.
ހަމްދޫން ރަޝީދު ވިދާޅުވީ ޢާއްމު ދަތުރުފަތުރުތަކަށް ދަތިވާގޮތަށް ހުއްދަނޫން ތަންތާގައި އުޅަނދު ޕާކް ކުރުމުގެ ސަބަބުން މަގުތަކާއި ގޯޅިތަކަށް ވަދެ ނުކުމެ އުޅުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމަށް ފުލުހުން މަސައްކަތް ފަށާއިރު ޤަވާއިދާއި ޙިލާފަށް ރައްޔިތުންނަށް ދަތިވާގޮތަށް ޕާކް ނުކުރެއްވުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.
ފުލުހުން ވިދާޅުވީ މިއޮޕަރޭޝަނުގައި ފުލުހުން ނަގާ އުޅަނދުތަކުގެ މަޢުލޫމާތު ޕޮލިސް ޓޯޔާޑަށް ދިއުމުން ލިބޭނެކަމަށެވެ.