ޚަބަރު

ހުމާމުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒް ކުރުމަށް ޙުކުމް ކޮށްފި


ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހ ލޮބީ ހުސެއިން ހުމާމް މެރުމަށްކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމްކޯޓުން ހުކުމްކުރައްވައިފިއެވެ.

މިއީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން އަލުން  ނިންމެވުމަށްފަހު މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒުކުރުމަށް ކޯޓަކުން ހުކުމްކުރެއްވި ފުރަތަމަ ފަހަރެވެ. މަރުގެ އަބަދު ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ ގަވައިދުގައިވާ ގޮތުން މީހެއްގެ މައްޗަށް ސުޕްރީމްކޯޓުން މަރުގެ ހުކުމް އިއްވަވާތާ 30 ދުވަހުގެ ތެރޭގައި އެމީހަކު ދަންޖައްސައިގެން އެ ހުކުމް ތަންފީޒުކުރަންޖެހެއެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މީހަކު މެރުމަށް ސުޕްރީމްކޯޓުން މިރޭ މެންދަމު ދޭ ޖެހިފަހުން ހުކުމްކުރައްވާފައިވަނީ އެކޯޓްގެ ފަސް ފަނޑިޔާރުން އިއްތިފާގުންނެވެ. އެ ހުކުމުގައި ވަނީ ދަށުކޯޓްގައި މައްސަލަ ހިގަމުންދިޔަ އިރު ދެ ފަހަރެއްގެ މަތިން ހުމާމު ކުށަށް އިއުތިރާފްވެފައިވާކަމަށެވެ. އަދި އަމިއްލަ ނަފްސުގެ މައްޗަށް އަމިއްލަ ރުހުމާއި އިހުތިޔާރުގައިވެފައިވާ އިއުތިރާފުން ރުޖޫއަ ނުވެވޭނެކަމަށް ފިގުހު އިލްވެރިން ވިދާޅުވާކަމަށެވެ. އެހެންކަމުން ޑރ އަފްރާޝީމް އަވަހާރަކޮށްލިކަމަށް ބުނެ ހުމާމެވެފައިވާ އިއުތިރާފަކީ ޤާނޫނީ ޝަރުއީ ހަމަތަކުގެ މަތިން ޞައްހަ ނޫން އިއުތިރާފެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް އެ ހުކުމްގައިވެއެވެ.

ހުމާމް މަރާލުމަށް ދަށުކޯޓުން ކުރެއްވި ހުކުމަށް ތާއީދްކުރައްވާ ހައިކޯޓުން ކުރެއްވި ހުކުމް ސުޕްރީމްކޯޓްގައި ހުމާމްގެ ފަރާތުން އިސްތިއުނާފް ނުކުރުމަކީ ހައިކޯޓުން ކުރެއްވި ހުކުމް ހުމާމްގެ ފަރާތުން ބަލައިގަނެ ޤަބޫލްކުރާކަން އަންގައިދޭ ހަރުދަނާ ދަލީލެއްކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމްގައިވެއެވެ.

ދަށުކޯޓްގައި މައްސަލަ ހިގަމުންދިޔަ އިރު ގާނޫނު އަސާސީން ހުމާމަށް ލިބިދޭންޖެހޭ ހުރިހާ ހައްޤުތަކެއް އެނާއަށް ލިބިދީފައިވާކަންވެސް ސުޕްރީމްކޯޓުން އިއްވެވި ހުކުމް ގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ މައްޗަށް ކުރި، ގަސްދުގައި މީހަކުމެރުމުގެ ކުށް ސާބިތުވެފައިވަނީ އެއްވެސް ޝައްކެތް ޝުބުހެއް ނެތް މިންވަރަށްކަމަށާއި  އެ މަރުގައި (ޤަތުލު އަމުދު) ގަސްދު މަރުގައި ފުރިހަމަވާންޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވާކަމަށްވެސް  ސުޕްރީމް ކޯޓްގެ  ހުކުމްގައިވެއެވެ.

ޑރ.އަފްރާޝީމް ޢަލީގެ މަރުގެ ބަދަލުގައި ހުމާމްމެރުމަށް ދަށުކޯޓާއި ހައިކޯޓުން އިއްވާފައިވާ ހުކުމަށް ތާއިދްކުރައްވާ އެހުކުމް ތަންފީޒުކުރެއްވުމަށް ސުޕްރީމްކޯޓުން ރޭ ހުކުމްކުރައްވާފައިވާއިރު ހުމާމްގެ މައްޗަށް މަރުގެ އަދަބު އަދި ދޭން ބޭނުންނުވާކަމަށް ޑރ އަފްރާޝީމް އަލީގެ ބައްޕައާއި ބޭބެ ރޭ ބުނެފައިވެއެވެ. ޑރ އަފްރާޝީމްގެ ވާރިސުން މިހެން ބުނެފައިވަނީ ރޭ ސުޕްރީމްކޯޓަށް ފޮނުވި ސިޓީއެއްގައެވެ. ހުމާމަށް ހުކުމްކުރުމަށް ރޭ ތާވަލްކޮށްފައިވާ އަޑުއެހުން ފެށުމުގެ ކުރިން  ޑރ އަފްރާޝީމްގެ ވާރިސުން  ފޮނުވި ސިޓީ، ރަސްމީ ގަޑިއަށް ނުވާތީކަމަށް ވިދާޅުވެ ސުޕްރީމްކޯޓުން ބަލައިގެންފައެއްނުވެއެވެ.

ހުމާމްގެ ޝަރީއަތް މިރޭ ސުޕްރީމްކޯޓްގައި ކުރިޔަށް ގެންދަވާފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއި އެކުގައެވެ. މިގޮތުން މައްސަލައިގެ ހުކުމް އިއްވަމުންދިޔައިރު ހުމާމްގެ ބައްޕައާއި ބޭބެ ވަށާ ފުލުހުން ތިއްބަވާ ގެންދެވީ ސަލާމަތީކަންކަން ބަލަހައްޓަވަމުންނެވެ. އަދި ހުމާމްގެ  މަންމައާއި އަންހެން ދެ ކޮއްކޮވެސް  ވަށާ  ފުލުހުން ތިއްބަވާފައިވެއެވެ.

އިސްތިއުނާފް އެންމެ ފަހު މަރުހަލާގައި ހުމާމް މެރުމަށް ހުކުމްކުރެއްވި ނަމަވެސް  އެ އަދަބުން އޭނާއަށް  ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މަރުގެ ހުކުމް ތަންފީޒުކުރުމަށް އެކުލަވާލި ގަވައިދުގައި ބުނާ 30 ދުވަހުގެ ތެރޭ އެމީހަކަށް މަޢާފް ހޯދާދިނުމަށް އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން އާއިލާއާއި މަޝްވަރާ ކުރަންޖެހެއެވެ. މިގޮތުން އަފްރާޝީމްގެ ވާރިސުންގެ ތެރެއިން އެންމެ ވާރިސަކުވެސް ހުމާމަށް މަރުގެ އަދަބު ދޭން ދެކޮޅު ހަދައިފިނަމަ އޭނާ މަރުގެ އަދަބު ތަންފީޒުކުރަން ނުޖެހި ސަލާމަތްވާނެއެވެ.