އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާއްވަންޖެހޭ މަޝްވަރާތައް ވިހާވެސް އަވަސްކުރުމަށް ޔޫރަޕްގެ އިއްތިހާދުގެ ވެރިން އިލްތިމާސް ކުރައްވައިފިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ ޖޯން-ކްލައުޑް ޖުންކާ ވިދާޅުވީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަރުހަލާ ތަންފީޒުކުރުން ލަސްކޮށްފިނަމަ އިތުރު ޖެހިލުންވުންތަކެއް ކުރިމަތިވެދާނެކަމަށެވެ. އަދި ބާކީ ތިބި 27 މެންބަރުންނާއި އެކު ޔޫރަޕްގެ އިއްތިހާދު ކުރިޔަށްދާނެކަމަށް ޖުންކާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމާއި ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އައީ 52 އިންސައްތަ އީޔޫއިން ވަކިވުމަށް ތާއީދުކޮށް، އަދި 48 އިންސައްތަ މީހުން ޔޫރަޕްގެ އިއްތިހާދުގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމަށެވެ. އަދި މިކަމާއި ގުޅިގެން މިއަންނަ އޮކްޓޫބަރުމަހު މަޤާމުން އިސްތިއުފާ ދެއްވަން ގަސްތުކުރަށްވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއްވަނީ އައިސްފައެވެ. ޚާއްސަކޮން އިންޑިޔާއާއި އޭޝިޔާގެ ބައެއް ގައުމުތަކުގެ ހިއްސާގެ ބާޒާރަށް ވަނީ އަސަރުކޮށްފައެވެ.
އަދި ޕައުންޑްގެ އަގުވެސް ވަނީ ވަރަށް ބޮޑުތައް ދަށަށް ގޮސްފައެވެ. އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމާއި ބެހޭގޮތުން އީޔޫގެ 27 މެންބަރު ޤައުމުގެ ލީޑަރުންނާއި އެކު އިނގިރޭސީ ބޮޑުވަޒީރު މިއަންނަ އަންގާރަދުވަހު ބައްދަލްކުރައްވާ މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ.
ނަމަވެސް އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ނިންމާފައިވަ ނިންމުމާއި ގުޅިގެން ނެދަލޭންޑްސް އަދި ފްރާންސްފަދަ ޤައުމުތަކުގެ ސިޔާސީ ބޭފުޅުންވެސް މިހާރު ދަނީ އީޔޫއިން ވަކިވުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.