ޚަބަރު

ސިވިލް ކޯޓުގެ ނިންމުމާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހައި ކޯޓަށް


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ނިންމި ނިންމުމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވުމާއެކު، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ މެދުތެރޭގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ހަވާލު ކުރުމަށް ނިންމައި، އެކަން އެ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ. އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ނިންމުމާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލައެއް ހުށަހެޅި ނަމަވެސް، ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޯޓުން ވަނީ އެ އަމުރު ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާފައެވެ. އަދި އެ ގޮތަށް ކަނޑައެޅީ ވަގުތީ އަމުރުގެ ހުށަހެޅުން ހުށަހެޅުމުގެ ހައިސިއްޔަތު ބެޑްމިންޓަން އެސޯސިއޭޝަނުގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީއަށް ލިބިގެން ނުވާތީ ކަމަށްވެސް ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެއާއެކު އެ ނިންމުމާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެކަމަކު މައްސަލަ ހައި ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ އެސޯސިއޭޝަނުން އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިޚާބުކޮށްފައިވަނީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ހިންގާ ކޮމިޓީ، ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކުރީ އެ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްގެ މަގާމުން މޫސާ ނާޝިދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އެ އެސޯސިއޭޝަނުގެ ރައީސްކަން މިދިޔަ ތިން ދައުރުގައި ކުރެއްވި މޫސާ އިސްތިއުފާދެއްވާފައިވަނީ މަގާމުގެ މުއްދަތު ހަމަވިތާ ހަތަރު މަސް ފަހުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ނިންމާފައިވާއިރު، އެ ނިންމުމާ ގުޅިގެން ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން މީގެ ކުރިން ވަނީ ދީފައެވެ.

ބީއޭއެމްގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރިއިރު، މި ފަހުން ވަނީ އެ އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްވެސް ފެންމަތިވެފައެވެ.