ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ހޮވާ އަހަރުގެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނިޝިއަސް ޖޫނިއަރ އަށް ލިބިއްޖެ އެވެ.
ދޯހާގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި ރެއާލް މެޑްރިޑްގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު ދާދި ފަހުން ބޭއްވި ބެލޮންޑިއޯ އެވޯޑް ހަފްލާ އެ ކްލަބުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. އަދި އެ އެވޯޑް ވިނިޝިއަސް އަށް ލިބިފައިނުވާތީ އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފަ އެވެ.
ނިމިދިގެންދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް އިން ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކުރި އިރު ވިނިޝިއަސް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 24 ލަނޑު ޖަހާ 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
އެވޯޑާއި ހަވާލުވުމަށްފަހު ވިނިޝިއަސް ބުނެފައިވަނީ ބްރެޒިލްގެ ސައޮ ޕޯލޯގެ މަގުމަތީގައި ހުސް ފަޔާ އޭނާ ފުޓްބޯޅަ ކުޅުނުއިރު މިފަދަ ކާމިޔާބީއެއް ލިބިދާނެކަމަށް އުންމީދު ނުކުރާ ކަމަށެވެ. މިއީ މި މަގާމް އޭނާއަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވިނިޝިއަސް އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ސްޕޭންގެ ރޮޑްރީ އެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންހަމް އެވެ.
އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ރެއާލް މެޑްރިޑްގެ ކާލޯ އެންޗެލޮއްޓީ ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ އެމާ ހާޔެސް އަށެވެ. އަދި އަހަރުގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމަށް ހޮވިފައިވަނީ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އެވެ. އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ބާސެލޯނާގެ މިޑްފީލްޑަރ އައިޓާނާ ބޮންމާޓީ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފަ އެވެ.
ފީފާ ބެސްޓް އެވޯޑްގައި މަގާމުތަކަށް ކުޅުންތެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ނޫސްވެރިންގެ ވޯޓާއިއެކު ސަޕޯޓަރުންގެ ވޯޓުވެސް ހިމަނައިގެންނެވެ.