ސަރުކާރުން ކުރިއަށްގެންދާ، ބިންވެރިޔާ ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދެ މުއައްސަސާ ގުޅިގެން ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިބައްދަލުވުމުގައި "ބިންވެރިޔާ" ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
📸 ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.
— Maldives Police (@PoliceMv) December 19, 2024
މި ބައްދަލުވުމުގައި "ބިންވެރިޔާ" ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު. pic.twitter.com/BCorW5nwWg
ފުލުހުން ތަހުގީގުކުރަމުންދަނީ ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިމައްސަލާގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީންވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުވެސް ސަސްޕެންޑްކޮށްފައެވެ.
ފުލުހުން ތަހުގީގުކުރައްވަމުންދަނީ ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މިއީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފެށި ތަހުގީގެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފްވެސް ވަނީ ފުލުހުންނާއި އޭސީސީއަށް އަމުރުކުރައްވާފައެވެ. މިގޮތަށް އަމުރުކުރެއްވީ މިއީ އާންމުންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.