މި ވަގުތު ޖަލުގައި ހުންނެވި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ އަނބިކަނބަލުން، ރަސްމާ މަންސޫރުގެ މައްޗަށް އުފާލައިފާ މަނީ ލޯންޑަރިންގއާއި ޓެކްސަށް މަކަރު ހެދުމުގެ ދަޢުވާތަކުގައި އެކަށީގެންވާ ޤާނޫނީ ބުރަދަނެއް ނެތް ކަމަށް ބުނެ، އެ ދަޢުވާތައް ކޯޓުން ބާތިލުކޮށްފިއެވެ.
ނުވަ އަހަރު މެލޭޝިޔާގައި ވެރިކަން ކުރެއްވި ނަޖީބާއި އަނބިކަނބަލުން ރަސްމާގެ މައްޗަށް ވަނީ މެލޭޝިޔާގެ ދައުލަތުގެ ފަންޑެއް ކަމުގައިވާ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދްގެ ފައިސާއަށް ޚިޔާނަތްތެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވި، އެތައް ތަހުޤީޤުތަކެއް ކުރެވިފައެވެ.
ކޯޓުން ބާތިލުކުރި ދަޢުވާތަކުގެ ތެރޭގައި، މަނީ ލޯންޑަރިންގގެ 12 ދަޢުވާއަކާއި ޓެކްސަށް މަކަރު ހެދުމުގެ ފަސް ދަޢުވާއެއް ހިމެނެއެވެ.
މި ދަޢުވާތަކުން ސަލާމަތްވިޔަސް، ރަސްމާގެ މައްޗަށް 279 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ހަކަތައިގެ މަޝްރޫޢުއެއް ހޯދުމަށް ރިޝްވަތު ދިނުމުގެ ދަޢުވާތަކެއް ވެސް ވަނީ އުފުލައިފައެވެ. އެ މައްސަލައިގައި ރަސްމާ މި ވަގުތު ދޫކޮށްލާފައި ހުރީ ކަފާލާތުގެ ދަށުންނެވެ.
ގެންގުޅުއްވި އަގު ބޮޑު ބްރޭންޑްތަކުގެ ދަބަހާއި ގަހަނާތަކާއި ޤައުމުން ބޭރަށް ކުރެއްވި އަގު ބޮޑު ދަތުރުތަކުގެ ސަބަބުން ރަސްމާއަށް ވަނީ ޢާންމުންގެ ނުރުހުން އަމާޒުވެފައެވެ.
ދަޢުވާތައް ބާތިލުކުރުމާ އެކު، އިންސާގު ޤާއިމުވެއްޖެ ކަމަށާއި ފަނޑިޔާރުގެ ރަނގަޅު ނިންމުމަށް ރަސްމީ ވަނީ ނޫސްވެރިން މެދުވެރިކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގ ކުށް ސާބިތުވެ ނަޖީބްގެ މައްޗަށް 2022 ވަނަ އަހަރު އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުން ބައެއް ވަނީ މަޢާފުކޮށްދީފައެވެ.
ނަޖީބާ ދެކޮޅަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދްގެ ފައިސާގެ ތެރެއިން 4.5 ބިލިޔަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ދަޢުވާގައެވެ. އެ ފައިސާގެ ތެރެއިން 1 ބިލިޔަން ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ވެސް ޖަމާކޮށްފައިވެއެވެ.
އެ ފަންޑަކީ ނަޖީބުގެ ސަރުކާރުން 2009 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ. ވެރިކަމުގައި ހުންނެވި އިރު ނަޖީބު ވަނީ، ކޮރަޕްޝަންގެ ތުހުމަތުތައް ތަހުޤީޤު ކުރުމަށް ހުރަސް އަޅުއްވާފައެވެ. އެއީ، މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު އޭނާ ފުރުއްވި ފުރަތަމަ އަހަރެވެ. ވަން-އެމް.ޑީ.ބީން ގެއްލިފައިވާ ފައިސާއަކީ ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާއިން ހަދިޔާކޮށްފައިވާ ފައިސާއެއް ކަމަށް ބެލެވެއެވެ.