ޚަބަރު

ކޮރަޕްޝަންގެ މުދަލާއި ފައިސާ އަނބުރާ ދައްކާ ފަރާތްތަކަށް އިންޑޮނީޝިޔާއިން މަޢާފުދެނީ


ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާ މީހުންގެ ތެރެއިން، ކޮރަޕްޝަނުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ރައްދު ކުރާ މީހުންނަށް މަޢާފު ދިނުމާ މެދު ވިސްނަވަމުން ގެންދަވާ ކަމުގައި އިންޑޮނީޝިޔާގެ ރައީސް ޕްރަބޮވޯ ސުބިއަންތޯ ވިދާޅުވެއްޖެއެވެ. ޕްރަބޮވޯ މި ކަން ހާމަ ކުރައްވާފައި ވަނީ މިޞްރުގެ ވެރިރަށް ޤާހިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގައި ހުންނަ ޔުނިވަރސިޓީއެއްގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ އިންޑޮނީޝިޔާގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރަބޮވޯ ވިދާޅުވީ، ޚިޔާނާތާއި ކޮރަޕްޝަންގެ ތެރެއިން ހޯދާފައިވާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ރައްދު ކުރާ މީހުންނަށް މަޢާދު ދެއްވަން ނިންމަވާފައި ވަނީ ދައުލަތާއި ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ނައްތައިލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމުގައެވެ. އަދި، ކޮރަޕްޝަން ނައްތައިލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި އައު ރޭވުމެއްގެ ދަށުން މަސައްކަތް ފައްޓަވާނެ ކަމުގައެވެ.

"އޭ މި ތިބަ ކޮރަޕްޓު މީހުންނޭ، އަދި ރައްޔިތުންގެ ފައިސާގައި ޖެހިފައިވާ ކަމަށް ޤަބޫލު ކުރެވޭ މީހުންނޭ، ކަލޭމެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކޮށްފި ނަމަ، ކަލޭމެނަށް މަޢާފު ދިނުމަކީ އެކަށީގެންވާ ކަމެއް. އާދޭހާ އެކު ދަންނަވަން، އެ ތަކެތި ރައްދު ކޮށްދެއްވާ،" ޕްރަބޮވޯ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތެރެއިން ހޯދާފައިވާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ރައްދު ކުރާ މީހުންނަށް މަޢާފު ދެއްވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމުގައި ޕްރަބޮވޯ ވިދާޅުވެފައިވީ ނަމަވެސް، އެ ކަމާ މެދު އަމަލު ކުރައްވަން ރާއްވަވާފައިވާ ގޮތުގެ އިތުރު ތަފުސީލު އޭނާ ސާފު ކޮށްދެއްވާފައެއް ނެތެވެ. އޭނާ ވިދާޅުވީ، ކޮރަޕްޝަނުން ހޯދާފައިވާ މުދަލާއި ފައިސާގެ މަޢުލޫމާތު އިތުރު ބަޔަކަށް ހާމަ ނުކޮށް އަނބުރާ ދައުލަތަށް ރައްދު ކުރެވޭނެ ގޮތްތަކެއް އިންޒާމު ކުރައްވާނެ ކަމުގައެވެ.

އޮކްޓޫބަރު 20ވަނަ ދުވަހު އިންޑޮނީޝިޔާގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ޕްރަބޮވޯ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. ކޮރަޕްޝަން ނައްތައިލުމަށް އޭނާ ހުށަހަޅުއްވާފައިވާ އެއް ސިޔާސަތަކީ، ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވުމެވެ. ނަމަވެސް، މި ސިޔާސަތުގެ ތެރެއިން މުސާރަ ބޮޑުކޮށްދޭން ނިންމާފައި ވަނީ ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ބޮޑެތި ބަޖެޓުތައް ދީފައިވާ އިދާރާތަކުގެ ވެރިން ނުވަތަ އެންމެ އިސް ބޭފުޅުންގެ އެކަންޏެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އިންޑޮނީޝިޔާގެ ކުރީގެ ރައީސް ޖޮކޯ ވިޑޯޑޯގެ 10 އަހަރުގެ ވެރިކަމުގެ ތެރޭގައި ކޮރަޕްޝަން ނައްތައިލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމުގައެވެ. "ތިޔަ ބޭފުޅުން ދައްކަން ޖެހޭ އެއްޗެއް ދައްކައި، ޤާނޫނާއި ޤަވާޢިދުތަކަށް އިޙުތިރާމު ކުރުމުން، ދެން އަޅުގަނޑުމެން ބަލާނީ ކުރިމަގަށް، ކުރިން ވެފައިވާ ކަންކަމުގެ މަތިން ހަނދާން ނައްތައިލާނަން،" ޕްރަބޮވޯ ވިދާޅުވިއެވެ. ނަމަވެސް، ދައްކަން ޖެހޭ އެއްޗެއް ދެއްކުމޭ ވިދާޅުވެ އޭނާ އިޝާރާތް ކުރައްވާފައި ވަނީ ކޮން ކަމަކަށް ކަން ސާފެއް ނޫނެވެ.

ހުސްވި ހަފުތާގައި ޕްރަބޮވޯ ވަނީ، އިންޑޮނީޝިޔާގެ ޖަލުތަކުގައި ޙުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންގެ ތެރެއިން 44,000 ޤައިދީންނަށް މަޢާފު ދެއްވާފައެވެ. އެއީ، އިންޑޮނީޝިޔާގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އާބާދީގެ %30އެވެ. ޕްރަބޮވޯ މަޢާފު ދެއްވާފައިވާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ކުށްތަކަށް އަރައިގަނެފައިވާ ކުށްވެރިންނާއި، މީހުންނަށް އަބުރަށް އަރައިގަނެފައިވާ މީހުންގެ އިތުރުން ސަރުކާރާ ދެކޮޅު ޝުޢޫރުތައް ފާޅުކުރުމުގެ ކުށް ސާބިތުވެ، ޖަލަށް ލާފައިވާ މީހުން ހިމެނެއެވެ.