ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލާގައި ހެންވޭރު ލޮބީ ޙުސައިން ހުމާމް މެރުމަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ކަރެކްޝަނަލް ސަރވިސުން ހާމަކުރައްވައިފިއެވެ.
ހުމާމްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުމާބެހޭ މަސައްކަތް ކަރެކްޝަނުން ފަށްޓަވާފައި މިވަނީ އެނާ މެރުމަށް ދަށުކޯޓާއި ހައިކޯޓުން ކުރެއްވި ޙުކުމް ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދެމެހެއްޓެވުމުންނެވެ. ޑީޕީއާރްއެސްގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ލުޤްމާން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރެއްވުމަށް ޤާނޫނީ ގޮތުން ކުރައްވަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ޑރ. އަފްރާޝީމް ޢަލީގެ ވާރިސުންނާ ވާހަކަ ދެއްކެވުމުގެ ކަންކަން ހަމަޖައްސަވަންޖެހޭނީ ޑީޕީއާރުއެސުން ކަމުގައިވާނަމަ އެކަންވެސް އެ އިދާރާއިން ކުރައްވާނެކަމަށް ލުޤްމާނު ވިދާޅުވިއެވެ. އަދި އެކަމުގައި ނިންމަވާ ގޮތްތައް ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް ލުޤްމާން ވިދާޅުވިއެވެ.
މަރުގެ އަބަދު ތަންފީޒުކުރުމުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުގައިވާ ގޮތުން މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ދަމަހައްޓަވާތާ ތިރީސްދުވަހުގެ ތެރޭގައި އެމީހަކު ދަންޖައްސައިގެން އެ ޙުކުމް ތަންފީޒުކުރަންޖެހެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެމީހަކަށް މަޢާފް ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން ޢާއިލާއާއެކު ވާހަކަ ދައްކަންޖެހެއެވެ.