ޗައިނާއާއި ރަޝިޔާއާ ދެމެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެގުޅުންތަކުގެ ދާއިރާތައް މިހާރަށްވުރެ ފުޅާކުރުމަށް ޗައިނާއާއި ރަޝިޔާއިން އެއްބަސްވެއްޖެެެއެވެ. ދެޤައުމުން މިކަމަށް އެއްބަސްވެފައިވަނީ ރަޝިޔާގެ ރައީސް ވްލަޑިމިރް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީޖިންޕިން ބެއިޖިންގްގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅުމާ ގުޅިގެން ދުނިޔޭގައި އެމެރިކާ ހަމައެކަނި ބޮޑުބާރެއްގެ ދައުރު އަދާކުރަމުން ގެންދަނިކޮށް އެކަން ބެލަންސްކޮށް އެއްބާރުގެ ބަދަލުގައި ގިނަ ބާރުތަކެއް ހިމެނޭގޮތަށް ބައިނަލްއަގްވާމީ މަސްރަހު އަލުން ބައްޓަންކުރި ދެބާރަކީ ޗައިނާއާއި ރަޝިޔާއެވެ. ތާރީޚީ ގުޅުންތަކެއް އޮންނަ މިދެގައުމުގެ ގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް މައްޗަށް ގޮސްފައިވަނީ މީގެ ވިއްސަކަށްއަހަރު ކުރިންނެވެ. އެއީ އެއްބާރުގެ ބަދަލުގައި ގިނަ ބާރުތަކެއް ހިމެނޭގޮތަށް ދުނިޔޭގެ މަސްރަހު އަލުން ބައްޓަންކުރުމަށް ދެގައުމު ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް ދެމެހެއްޓުމުގެ އިތުރުން އެމެރިކާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި ދެގައުމު ގުޅިގެން މަސައްކަތް ކޮށް ގިނަ ބާރުތަކެއްގެ މައްޗަށް މިހާރު ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. ބެއިޖިންގައި ރަޝިޔާގެ ރައީސް ވަލްޑިމިޔަރ ޕޫޓިންއާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ ދެގައުމު ގުޅިގެން މަސައްކަތް ކުރުމަކީ އަދުގެ ބައިނަލްއަގްވާމީ ދުނިޔެއަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
img:http://s3.psmnews.mv/images/660x400/14669487713801.jpg|ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ޕޫޓިން
މިމަޝްވަރާތަކަށްފަހު ޕޫޓިން ވިދާޅުވީ ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އަދި މުހިއްމު މައްސަލަތައް ހިމެނޭކަމަށާ މިމައްސަލަތަކާ މުއާމަލާތް ކުރުމުގައި ދެގައުމު ދެކޭގޮތާއި ވިސްނުމާ އަދި ސިޔާސަތުތައް ދާދިއެއްގޮތް އެއްގޮތްކަމަށެވެ. މިގޮތުން ބައިނަލްއަގްވާމީ މައްސަލަތައް ޙައްލުކުރުމުގައާއި ދުނިޔޭގައި ހަމަޖެހުމާއި ސުލްޙަ ދެމެހެއްޓުމުގައި ޗައިނާއާއި ރަޝިޔާ ގުޅިގެން މަސައްކަތްކޮށް މިކަންކަމުގައި ދެގައުމު ވިލަރެސް ކުރަމުން ގެންދިޔުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިކަން ޕޫޓިން ފާހަގަކުރެއްވިއެވެ. މިއީ މީގެ ތިންއަހަރު ކުރިން ޗައިނާގެ ޒަޢާމަތަށް ޝީޖިންޕިން އިސްވެ ވަޑައިގަތުމަށްފަހު ޕޫޓިން ޗައިނާއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. ޗައިނާއަކީ ދުނިޔޭގެ އިގްތިސާދީ ދެވަނަ ބާރަށްވާއިރު ކުރިޔަށްއޮތް ހަތަރުވަރަކަށް އަހަރު ތެރޭގައި ޗައިނާ އިގްތިސާދީ ގޮތުން އެމެރިކާއާ ފައިހަމަކުރާނެއެވެ.
ރަޝިޔާއަށް ބަލާއިރު ރަޝިޔާއަކީ އަސްކަރީގޮތުން އެމެރިކާއާ ވާދަކުރެވޭ ފެންވަރުގެ ބޮޑުބާރެކެވެ. މެދުއިރުމަތީގައާއި އިރުމަތީ ޔޫރަޕްގައި ރަޝިޔާ ގެންދަނީ އެގައުމުގެ އަސްކަރީ ބާރުތައް އެމެރިކާއަށް ދައްކަމުންނެވެ. ޕޫޓިންއާއި ޝީޖިންޕިން ގެ ރަސްމީ މަޝްވަރާތަކަށްފަހު ދެބޭފުޅުން ސޮއިކުރައްވައި ނެރުނު ގުޅިފައިވާ ބަޔާނުގައި ދުނިޔޭގެ އަމަނާއި ސުލްޙަ ދެމެހެއްޓުމުގައި އެދެގައުމުގެ ދައުރު އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް އެއްބަސްވެ ވަޑައިގެންފައިވެއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަރ ސްޕޭސްގެ ދާއިރާތައް ތަރައްގީކުރުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމަށްވެސް ނިންމަވާފައިވެއެވެ.
ޕޫޓިންގެ މިދަތުރުފުޅާ ގުޅިގެން ތިމާވެއްޓާއި ހަކަތައާއި އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތަކުގައި ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެއެވެ. މީގެއިތުރުން ދެގައުމުގެ ދެމެދުގައި އިގްތިސާދާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކޮށް މިކަންކަމުގައި ތަޖްރިބާ ބަދަލުކުރުމާބެހޭ އެއްބަސްވުންތަކުގައިވެސް ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.