ޚަބަރު

ފްލޭޝް ކޯލް ސްކޭމްތަކުގެ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި


  • ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑް

  • ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެއް

  • ފްލެޝް ކޯލެއްގެ އެންމެ ފަހު ހަތަރު ނަންބަރު އެއްވެސް މީހަކާ ހިއްސާނުކުރުން

ސްކޭމަރުން މިހާރު ފްލެޝް ކޯލް ނަންބަރު ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކުން ވައްކަން ކުރުމުގެ އާ އުކުޅެއް ބޭނުންކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފުވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން ބަދަލު ކުރަމުންދާކަމަށެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށް ފުލުުހުން ވިދާޅުވެއެވެ.

ފްލޭޝް ކޯލްސްއަކީ ކޮބާ؟

ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސް.އެމް.އެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސް.އެމް.އެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ.

މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތަށް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.

ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ތިޔަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.

ސަމާލުކަން ދޭންވީ ކަންކަން

ބޭންކެއް ނުވަތަ ވުޒާރާއަކުން ކަމަށް ބުނި ނަމަވެސް ފްލެޝް ކޯލެއްގެ އެންމެ ފަހު ހަތަރު ނަންބަރު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށްވެސް ވަނީ އެދިފައެވެ.

ފުލުހުން ވަނީ އޮތެންޓިކޭޝަން ކޯޑް ނުވަތަ ވެރިފިކޭޝަން ނަންބަރު ހޯދުމަށް އެދޭ މެސެޖުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ޓެކްނޮލޮޖީއަށް މިއައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅުވެސް ވަނީ ބަދަލުކޮށްފައެވެ. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތަކުން ވައްކަންކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭސް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށް ވާންޖެހޭކަމަށެވެ. ފްލޭޝް ކޯލްސްއަކީ ކޮބައިކަން ތިމާގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާ މެދު ހޭލުންތެރި ބަޔަކަށް އެންމެން ވެސް ހެދޭތޯ ފަރުދީ ހައިސިއްޔަތުން މަސައްކަތްކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.