ރަމަޟާން މަހާ ދިމާކޮށް، "އެއްގެއިން އަނެއްގެއަށް" ނަމުގައި ޚާއްސަ ކެމްޕެއިނެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެއްގެއިން އަނެއްގެއަށް ކެމްޕެއިންއަކީ ގޭގައި ބޭނުންކުރާ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުމެވެ. އެޗްޑީސީއިން ވިދާޅުވީ މި ކެމްޕެއިނަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެ ކަމަށެވެ. އެގޮތުން ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުފަދަ ތަކެތި ހަދިޔާ ކުރެވޭ ކަމަށާއި މި ކެމްޕެއިން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 16 ވަނަދުވަހުގެ ނިޔަލަށްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.
ކެމްޕެއިންގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީއިން ހަމަޖައްސައިދޭނެއެވެ.
އެ ކެމްޕޭނަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް ކުންފުނިން އެދެއެވެ.
އާދިއްތަ - ބުރާސްފަތި: 09:00 - 13:00 އަށް
ހުކުރު: 15:00 - 18:00 އަށް
ހޮނިހިރު: 10:00 - 14:00 އަށް
އާދިއްތަ - ހުކުރު: 15:00 - 18:00 އަށް
ހޮނިހިރު: 10:00 - 18:00 އަށް
އެޗްޑީސީއިން ވިދާޅުވީ މި ކެމްޕެއިންގެ ދަށުން ހަދިޔާކުރާ ތަކެތި ރުއްގަނޑު އެކެއްގައި ބެހެއްޓިފައި ހުންނާނެކަމަށެވެ. އެ ސަރަހައްދުން ބޭނުންވާ ތަކެތި ފާހަގަ ކުރުމުން އެޗްޑީސީގެ ޓީމުން އެ ތަކެތި ހިލޭ ގޭގެއަށް ގެންގޮސްދޭނެކަމަށެވެ.
އެޗްޑީސީއިން ވިދާޅުވީ މި ކެމްޕެއިންގެ މަގުސަދަކީ، ރޯދަ މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމަކީވެސް މި ކެމްޕެއިންގެ މަޤްސަދެއް ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.