ޚަބަރު

ސިޓީ ބަލިކޮށް އާސެނަލް އިން ލިވަޕޫލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް މޮޅުވެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުވާ ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

އާސެނަލް މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ 24 މެޗުން 50 ޕޮއިންޓު ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 23 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. މެންޗެސްޓަރ ސިޓީ އޮތީ 24 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި އާސެނަލްގެ މާޓިން އޮޑެގާޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ސިޓީގެ ޑިފެންޑަރ މެނުއެލް އަކަންޖީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ކައި ހަވާޓްޒް އަށް ވަނީ ލީޑު ފުޅާކުރަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އާލިން ހާލަންޑް ވަނީ ސިޓީ އަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް އޭގެ މިނިޓެއް ފަހުން ތޯމަސް ޕާޓޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އާސެނަލް އަށް ލީޑު ނަގައިދީފަ އެވެ.

މި މެޗުގައި އާސެނަލް އިން ތިން ވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ 18 އަހަރުގެ މައިލްސް ލެވިސް ސްކެލީ އެވެ. މިއީ އޭނާ އާސެނަލް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ސިޓީގެ މައްޗަށް އާސެނަލް އިން ޔަގީންކަން ހޯދާފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި 17 އަހަރުގެ ޒުވާން ފޯވަޑް އީތަން އެންވަނޭރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.