ސޫރިޔާގެ އިންތިޤާލީ ރައީސްކަމަށް އިސްވެފައިވާ އަޙްމަދު އަލް-ޝަރާޢުގެ ފުރަތަމަ ރަސްމީ ދަތުރުގައި ސަޢޫދީ ޢަރަބިއްޔާއަށް ގޮސް އެގައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސުޢޫދާ ބައްދަލު ކޮށްފިއެވެ.
ޝަރާޢަކީ، ސޫރިޔާގެ ވެރިކަން ފޭރިގަނެފައިވާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާއެވެ. އެ ޖަމާޢަތުން ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ނިރުބަވެރިން ވެރިރަށް ދިމިޝްޤަށް އަރައިގަތުމުން އަސަދު ވަނީ، އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެން އެގައުމުގެ ހިމާޔަތް ހޯއްދަވައިފައެވެ.
ޝަރާޢުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސަޢޫދީ ވަލީއަޙުދާ އެކު ބޭއްވި ބައްދަލުވުމުގައި ސޫރިޔާގެ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމުގައެވެ. އަދި، ހަކަތައާއި، ޓެކްނޮލޮޖީ އަދި ތަޢުލީމާއި ޞިއްޙީ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމުގައެވެ. ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، ޝަރާޢާއި ވަލީއަޙުދު މުޙައްމަދާ އެކު ބޭއްވި ބައްދަލުވުމުގައި ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމާއި، ސަރަޙައްދީ ތަރައްޤީއާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމުގައެވެ.
ޝަރާޢަކީ ސަޢޫދީ ޢަރަބިއްޔާއަށް އުފަން މީހެކެވެ. އޭނާގެ ޅަ އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައި ވަނީ ވެސް ސަޢޫދީ ޢަރަބިއްޔާގައެވެ. އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ޝަރާޢު އަޑީގައި ހުރެގެން ސޫރިޔާގައި ޤާއިމު ކޮށްފައިވާ އިންތިޤާލީ ސަރުކާރުން މި ވަގުތު ދަނީ ޢަރަބި އަދި ހުޅަނގުގެ ޤައުމުތަކާ އެކު ގުޅުންތައް ޤާއިމު ކުރަން މަސައްކަތް ކުރަމުންނެވެ.
މި ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޝަރާޢުގެ ސަރުކާރުގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރު ޢަރަބި އަދި ހުޅަނގުގެ ބައެއް ޤައުމުތަކުގެ ވެރިންނާ އެކު ޖަނަވަރީ މަހު ބާއްވާފައިވާ ބައްދަލުވުންތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާއެވެ.
ޢަރަބިންނާއި ހުޅަނގާ އެކު ގުޅުންތައް ބަދަހި ކުރުމަށް ޝަރާޢު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޢަރަބި ޤައުމުތަކުގެ ވެރިން ވަނީ ސޫރިޔާއަށް ދަތުރު ކުރަން ފަށާފައެވެ. މި ގޮތުން، އަސަދުގެ ސަރުކާރު ވައްޓައިލި ފަހުން އެ ޤައުމަށް ވަޑައިގަންނަވާފައިވާ ބޭރު ޤައުމެއްގެ ފުރަތަމަ ވެރިއަކީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީއެވެ. މިއީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމާއި ޢަރަބިންނާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަ ކުރެވެމުންދާ ކަމުގެ ނިޝާނެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އަސަދުގެ ވެރިކަމުގައި ވެސް ސަޢޫދީ ޢަރަބިއްޔާއިން ވަނީ، ޢަރަބި ލީގުގެ ޤައުމުތަކާއި ސޫރިޔާއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި، 2023ވަނަ އަހަރު ޢަރަބި ލީގާ އަލުން ގުޅުމުގެ ދަޢުވަތު ސޫރިޔާއަށް އެރުވުން ފާހަގަ ކޮށްލެވެއެވެ. މި ވަގުތު ސޫރިޔާއާއި ޢަރަބި ޤައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން އެންމެ ބޮޑަށް ގުޅިފައި އޮތީ ކެޕްޓެގަންގެ ނަން ދީފައިވާ މަސްތުވާތަކެތީގެ ބާވަތަކާއެވެ. ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ސަރަޙައްދުގައި ކެޕްޓެގަން އުފައްދާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސޫރިޔާ ކަމުގައެވެ. ޝަރާޢުގެ ސަރުކާރުން ވަނީ ކެޕްޓެގަން އުފެއްދުމަށް ހުއްޓުމެއް ގެނައުމަށް ވަޢުދުވެފައެވެ.