ކައުންސިލްތަކުން ނިންމާ ނިންމުތަކުގައި ރައްޔިތުން ޝާމިލުކުރެވޭނެ ގޮތްތައް ދެނެގަތުމަށް އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް، އޯޖީޕީގެ ބައްދަލުވުމުގެ ތެރެއިން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް، އޯޖީޕީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިލިޕީންސަށް ފުރާވަޑައިގަންނަވަމުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވެރިން ބައިވެރިވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އޯޖީޕީ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހާމަކަމާއި ދެމެހެއްޓެނެވި ތަރައްޤީއާއި ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި މިންހެޔޮ ސަރުކާރެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން އެކި ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމު ކާމިޔާބުކަމާއެކީ ހިންގާފައިވާ ގޮތް ދެނެގަނެ، އެ ބަދަލުތައް ރާއްޖެއަށް ގެނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ނިންމުތަކުގައި ރައްޔިތުން ޝާމިލުކުރެވޭނެ ގޮތްތައް ދެނެގަތުމަށްވެސް މި ބައްދުލުވުމުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަމަށެވެ.
"ފޯކަސް ހުރީ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރަށު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަަކައި އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނެ ގޮތްތަކާއި މި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަންނާނީ ކިހިނެއްކަމާއި ނިޒާމު އޮތްގޮތަށް ބަލާއިރު ބަދަލެއް ގެންނަންޖެހޭނަމަ ގެނެވޭނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާކުރަން ޚާއްސަ އިސްކަމެއް ދޭނަން. ފިލިޕީންސްގެ ލާމަރުކަޒީ ނިޒާމު ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުޞަތު އެބައޮތް." ވަޒީރު ވިދާޅުވިއެވެ.
އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށެވެ. އަދި މި ބައްދަލުވުމުގައި ސަރުކާރުތަކުގެ ވެރިންނާއި އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ސްޓޭކް ހޯލްޑަރުން ބައިވެރިވާނެއެވެ.