އިރާޤުގެ ބަޣުދާދުގައި އައި.އެސް ހަނގުރާމަވެރިންދިން ބޮމުގެ ހަމަލާއެއްގައި 82 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
އިރާޤުގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރޭގެ ވަގުތެއްގައި ދިން މި ދެހަމަލާވެސް އަމާޒުވެފައިވަނީ މީހުން ގިނަ ބާޒާރުގެ ސަރަހައްދަކަށްކަމަށެވެ. މިހަމަލާތަކުގެ ޒިންމާ ހައްދުފަހަނަ އަޅާފައިވާ އައި.އެސް ހަނގުރާމަވެރިން އެމީހުންގެ އޮންލައިން ސައިޓްތަކުގައި ނެރިފައިވާ ބަޔާނެއްގައިވަނީ އުފުލާފައެވެ.
ފުލުހުން ބުނީ މީގެ ތެރެއިން އެންމެ ބޮޑު ހަމަލާދީފައި ވަނީ މީހުން އާންމުކޮށް ކެއުމަށާއި އެހެނިގެން ބޭނުންތަކަށް ގޮސް އުޅޭ ކަރާދާ ސަރަހައްދަށްކަމަށެވެ. އަދި މިހަމަލާދީފައި ވަނީ ގޮވާ ޒާތުގެ ތަކެތި އަޅާފައިހުރި ރެފްރިޖަރޭޓަރ ޓްރަކެއް ގޮއްވާލައިގެން ކަމަށާއި މިހަމަލާގައި 80 މީހުން މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މިހަމަލާގައި މިސަރަހައްދުގެ ކައިރީގައި ހުރި ހަތަރު އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
މިހަމަލާތަކުގެ ތެރެއިން ދެވަނަ ހަމަލާދީފައިވަނީ މެންދަމުގެ ވަގުތެއްގައި ޝިއީން ގިނަ އަލް-ޝާބް ސަރަހައްދުގައިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިހަމަލާދީފައިވަނީ މަގުމަތީގައި ބާއްވާފައި އޮތް ގޮވާ ޒާތުގެ އެއްޗެއް ގޮއްވާލައިގެން ކަމަށެވެ. މިހަމަލާގައިވެސް 2 މީހުން ވަނީ މަރުވެފައެވެ.