އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް އަދިވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލަފާ ދެއްވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަހުމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ ލިޔެކިއުންތަކާއި ގުޅޭ ކަންކަން ކުރިން ބެލެހެއްޓި ޖައުޝަންގެ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އަދިވެސް އެފްއޭއެމަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
ޖައުޝަން މިހާރު މަސައްކަތް ކުރައްވަނީ ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ކޮންސަލްޓެންޓެއްގެ ގޮތުން ފީފާގައެވެ.
ޖައުޝަން ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބަދަލުވުމުގެ ކުރިން ލީގަލް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމު އަދާކުރައްވާފައެވެ.
ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުތައް ފެންމަތިއިރު ވެސް ޖައުޝަން ހުންނެވީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ.
ކުޅިވަރުގެ ދާއިރާއިން ޤައުމީ އިނާމުވެސް ހާސިލް ކުރައްވާފައިވާ ޖައުޝަން އަކީ ގާނޫނީ ދާއިރާގެ ތަޖްރިބާކާރެއްގެ އިތުރުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ މެންބަރެކެވެ. އަދި އޭއެފްސީގެ ލީގަލް ކޮމިޓީއާއި ވޯލްޑް އެންޓި ޑޯޕިން އެޖެންސީގެ ޕެނަލް މެންބަރުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.