ޚަބަރު

އައްޑޫ ސިޓީންވެސް ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރަން ފަށަނީ


  • އައްޑޫގައި މިހާރު ޕާސްޕޯޓް ދޫކުރަނީ ރަސްމީ ދުވަސްތަކުގައި އެކަނި

  • ނަމަވެސް މި ހަފްތާ ބަންދުން ފެށިގެން ކޮންމެ ހޮނިހިިރެއްގައިވެސް ޕާސްޕޯޓް ދޫކުރާނެ

  • އައްޑޫ ސިޓީގައި އަޅާ އިމިގްރޭޝަން އޮފީހުގެ މަސައްކަތް މިއަހަރު ނިމޭނެ

  • 2025 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ

އައްޑޫ ސިޓީގައިވެސްއަންނަ ހޮނިހިރު ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ހޮނިހިރު ދުވަހު ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ކޮންމެ ބަންދަކާ ދިމާކޮށް އާއްމުގޮތެއްގައިވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާކަމަށެވެ.

އައްޑޫ ސިޓީގައި މިހާތަނަށް ޕާސްޕޯޓް ދޫކުރަމުން އައިސްފައިވަނީ ހަފްތާގެ ރަސްމީ ފަސް ދުވަހުއެވެ. ހަފްތާ ބަންދުގައި ޕާސްޕޯޓް ދޫނުކުރެއެވެ.

ޕީއެސްއެމްގެ އަހާށޭ ބުނާން ޕްރޮގްރާމުގައި ޢާންމުންގެ މީހަކު ވަނީ މާލެ ސަރަހައްދުގައި ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރަން ފަށާފައިވުމާއެކު އައްޑޫ ފަދަ އާބާދީ ބޮޑުތަނެއްގައި ހޮނިހިރު ދުވަހު ޕާސްޕޯޓްގެ ޚިދުމަތް ދެނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ޝަމްޢާން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީގައިވެސް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށާނެކަމަށެވެ.

ޝަމްޢާން ވަނީ އައްޑޫ ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން އައްޑޫގައި އަޅާ އިމިގްރޭޝަން އޮފީހުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، އެ އޮފީހުގެ 65 އިންސައްތަ ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާ އެއޮފީހުން ޚިދުމަތް ދެވޭނެކަމަށެވެ.

"އައްޑޫގައި އަޅާ އިމިގްރޭޝަން އޮފީހުގެ ގާތްގަޑަކަށް 65 އިންސައްތަ ވަނީ ނިމިފައި. މިއަހަރު މަސައްކަތް އެއްކޮށް ނިމި އޮފީހުގައި މަސައްކަތް ކުރަން ފެށޭނެ" ޝަމްޢާން ވިދާޅުވިއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެ.