ޚަބަރު

ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ދެ މީހުން މަރާލައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޔަހޫދީސިފައިންގެ ދެމީހުން މަރާލައި އަށް މީހުން ޒަޚަމްކޮށްލައިފިއެވެ.

އެ ހަމަލާދީފައި ވަނީ ޣަވްރުލް އުރުދުންގައި ހުންނަ ތަޔާސީރު ކައިރީގައި އޮންނަ ޗެކް ޕޮއިންޓެއްގައެވެ. އެ ހަމަލާ ދީފައި ވަނީ ފަލަސްޠީނުގެ ޖިނީނާއި ޠޫލްކަރްމް އަދި ބައެއް އިތުރު ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާ ނުތަނަވަސް ދަނޑިވަޅެއްގައެވެ.

އެ ހާދިޡާގައި ހަތިޔާރު އެޅި މީހަކު ވަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރަމުންދާ ޔަހޫދީންގެ ބަންކަރަކުން ނިކުތް ސިފައިންނަށް ބަޑިން ޙަމަލާ ދީފައެވެ. އެ މީހާ އެމް-16 މަރުކާގެ ބަޑިއެއް ބޭނުން ކޮށްގެން ޔަހޫދީ ސިފައިންނަށް ޙަމަލާ ދީފައި ވަނީ ބަންކަރާ ވަރަށް ކައިރީގައި ހުރެގެންނެވެ. ޔަހޫދީ ސިފައިން ވެސް ވަނީ އެ މީހާއާ ދެކޮޅަށް ޙަމަލާތައް ދީފައެވެ. އިރުކޮޅެއް ވަންދެން ދެ ފަރާތުން ވެސް ޙަމަލާ ބަދަލު ކޮށްފައި ވެއެވެ. މި ހާދިޘާގައި ޒަޚަމްވި ޔަހޫދީންގެ ތެރެއިން ދެ މީހުންގެ ޙާލު ގޯހެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހަނގުރާމަ ކުރަން ފެށި ފަހުން ހުޅަނގު އައްސޭރީގައި ކުރިމަރިލުންތައް ހިިނގާ މިންވަރު ވަނީ އިތުރު ވެފައެވެ. ފާއިތުވި ދުވަސްތަކުގައި ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކާއި ގެތައް ބަލައި ފާސް ކޮށް އެތައް ހާސް ބަަޔަކު ހައްޔަރު ކޮށްފައެވެ. އަދި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި ޢާންމުންގެ މީހުން ހިމެނެއެވެ. ހުޅަނގު އައްސޭރިއާއި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ އެހެން ސަރަޙައްދުތަކުގައި ޔަހޫދީންގެ އަނިޔާތަކަށް ކެތް ނުކުރެވިގެން ފަލަސްޠީނުގެ ރައްޔިތުން ދީފައިވާ ޙަމަލާތަކުގައި ޔަހޫދީންގެ މީހުން ވެސް މަރުވެފައި ވެއެވެ.