ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖިނީނަށް ނިރުބަވެރި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ނުލިބޭ ވަރުގެ ބޮޑު ގެއްލުމެއް އެ ރަށަށް ދީފިއެވެ.
ޖިނީން ރެފިއުޖީ ކޭމްޕަކީ ފަލަސްޠީނުގެ އެތައް ހާސް ރެފިއުޖީން ދިރިއުޅޭ ތަނެކެވެ. އެއީ، 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދައުލަތް އުފެއްދުމަށް، އަމިއްލަ ވަޒަނުން ބޭރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދެކެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާގައި ފެށި ޤަތުލްޢާންމު، ޣައްޒާގައި ވެރިކަންކުރާ ޙަމާސާއެކު ޤާއިމު ކުރި ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުން ހުއްޓުމަކަށް އައީ ހުސްވި ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެއަށް ފަހު ޔަހޫދީންގެ ކަޅި ވަގުތުން އަމާޒުވީ ޖިނީނަށެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަރަޙައްދަށް އަރައިގަނެފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި ޔަހޫދީން ވަނީ ޖިނީން ފަޅު ބިމަކަށް ހަދާފައެވެ. އެ ރަށުގައި ޔަހޫދީން ވަނީ ފުޅާ އަސްކަރީ ޙަރަކާތެއް ފަށައި ޢާންމުންނަށް ޙާމަލާ ދީ ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދޭން ފަށައިފައެވެ. ޔަހޫދީ ފައުޖުން ދަނީ ޖިނީނުގެ މަގުތައް ހަލާކު ކޮށް އިމާރާތްތައް ސުންނާފަތި ކޮށް ބިމާ ހަމަ ކުރަމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ޖިނީނުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ވަނި އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ވެފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ބިރުދައްކައި އިންޒާރު ދީ އެ މީހުންގެ ގެ ތަކުން ވަނީ ފައްސާލައިފައެވެ.
މި އަހަރުގެ މިހާ ތަނަށް ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރީގައ ފަލަސްޠީނުގެ 70 ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ޖިނީނުގައި ދިރިއުޅޭ 38 މީހުން ވެސް ހިމެނެއެވެ. ފަލަސްޠީނުން ޤަބޫލު ކުރާ ގޮތުގައި ޖިނީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބޭނުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބޯހިޔާވަހިކަމުން މަހުރޫމު ކޮށް ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމެވެ. މިދިޔަ މަހުގެ ތެރޭގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސްގެ މަޤާމާ ޑޮލަންޑް ޓްރަމްޕް އަލުން ޙަވާލު ވުމާއެކު އައު ހިތްވަރަކާއެކު ޔަހޫދީން އެ މަސައްކަތް ކުރަމުންދާ ކަމަށް ފަލަސްޠީނުގެ ސަރުކާރުން ބުނެއެވެ.
ޖިނީންގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތަކު ބުނީ ޔަހޫދީންގެ ޢުދުވާންތަކަށް ކެތްކޮށްލައިގެން އޭނާ އާއި އޭނާގެ ޢާއިލާ ދިރިއުޅޭ ގެ ދޫކޮށް ނުގޮސް މަޑު ކޮށްލައިގެން ތިބި ކަމަށެވެ. ނަމަވެސް ޔަހޫދީންގެ ޑްރޯންތައް ފޮނުވައި އެ ޑްރޯންތައް މެދުވެރި ކޮށް ގެދޮރު ދޫކޮށް ދިޔުމަށް އިންޒާރު ދިނުމުން ޖިނީން ދޫކޮށް ދިޔުމަށް މަޖުބޫރު ވި ކަމަށް އޭނާ ބުންޏެވެ. ލައިގެން ހުރި ހެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ގެންދިޔުމުގެ ފުރުޞަތު އެ ޢާއިލާއަށް ދީފައެއް ނުވެއެވެ. އެ ރަށް ދޫކޮށް އެ ޢާއިލާ ދިޔައީ ހުސް އަތާއެވެ. އެ ފަދަ ޙާލެއްގައި ޖިނީންގެ ހުރިހާ ރައްޔިތުން އެ ރަށް ދޫކޮށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޖިނީން އަދި އެހެން ސަރަޙައްދުތަކުގައި ވެސް އެ ފަދަ ޢުދުވާންތައް އަދި ވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. ޖިނީންގައި ޢުދުވާނީ ޙަމަލާތައް ދޭން ފަށަމުން ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލު ކެޓްސް ބުނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހުއްޓުމެއްނެތި ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް ދެމުން ދާނީ ޣައްޒާއިން ދަސްވި އުކުޅުތަކުގެ އަލީގައި ކަމަށެވެ. ޣައްޒާގެ ފޮޓޮއަކާއި ޖިނީނުގެ ފޮޓޮއެއް ދެއްކުމުން ދެ ތަނަކީ ވެސް ޣައްޒާއޭ ހީވާ ވަރަށް ޖިނީން ސުންނާފައި ކޮށްލާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޖިނީންގެ އިތުރުން ހުޅަނގު އައްސޭރީގެ އެހެން ސަރަޙައްދުތަކަށް ވެސް ނިރުބަވެރި ޔަހޫދީން ދަނީ ދުއްތުރާ ކުރަމުންނެވެ. އެ ގޮތުން ޠޫބާސް އަދި ޠޫލްކަރްމަށް ވެސް ޔަހޫދީންގެ ޙަމަލާތައް ދަނީ އަމާޒު ވަމުންނެވެ.
މިއީ ޖިނީނަށް އަރައި ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ. 2002ވަނަ އަހަރު ދެވަނަ އިންތިފާދާގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޖިނީންގެ އެތައް ސަތޭކަ ގެއެއް ބިމާ ހަމަކޮށް، ޖިނީންގެ އާބާދީގެ ހަތަރު ބައި ކުޅަ އެއްބައި ގެދޮރުން މަހުރޫމު ކޮށްލާފައެވެ.
ޖިނީންގެ ގަވަރުނަރު ކަމާލް އަބޫ އަލް-ރުބް ވިދާޅުވީ ޖިނީންގައި ޔަހޫދީ ފައުޖުން މިހާރު ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި އެ ރަށުގައި ދިރިއުމުން ދިޔަ 3،490 ޢާއިލާ އެ ސަރަޙައްދު ދޫކޮށް ދާން މަޖޫބޫރު ކޮށްފައިވާ ކަމަށެވެ. އެ ރަށުގައި މިހާރު ބާކީ ތިބީ 100އެއްހާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2002ގެ ޙާލަތަށް ވުރެ މިއަދު ޖިނީންގެ ޙާލަތު ގޯސްކަމަށެވެ. އެއީ އޭރު ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރި މީހުންގެ ޢަދަދަދު މިހާރަށް ވުރެ މަދުވުމުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އދގެ ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދޭ އުންރުވާއިން ބުނީ ޖިނީނުގައި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމަށް ވެފައިވާ ނާޒުކު އެއްބަސްވުމަށް ނުރައްކާ ވާ ކަމަށެވެ. އެ އިދާރާއިން ބުނީ އެ ޢުދުވާންތަކުގެ ސަބަބުން އަނެއްކާ ވެސް ހަނގުރާމައިގެ ޙާލަތެއް މެދުވެރި ވެދާނެ ކަމަށެވެ. އުންރުވާއިން ވެސް ވަނީ ޖިނީނަކީ މީހެއްގެ ހިލަމެއް ނުވާ ފަޅު ރަށެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.