އީރާނުން ތެޔޮ އެކްސްޕޯޓު ކުރުން ހުއްޓުވައި، ތެލުގެ ވިޔަފާރި ފުނޑުފުނޑު ކޮށްލުމުގެ ނިޔަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. އެމެރިކާއިން އަމަލު ކުރަން ފަށާފައި ވަނީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށެވެ. ޓްރަމްޕްގެ އަމާޒަކީ، އީރާނުން ބޭރު ޤައުމުތަކަށް ތެޔޮ ވިއްކުމަށް ހުރަސް އެޅުމެވެ. އަދި، ތެލުގެ ވިޔަފާރިން އާމްދަނީ ހޯދުން ހުއްޓުމަކަށް ގެނައުމެވެ.
އީރާނާ ދެކޮޅަށް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށް އަމުރު ކުރައްވައި ޤަރާރުގައި ޓްރަމްޕް ސޮއި ކުރައްވާފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވޮޝިންގޓަނުގެ ވައިޓް ހައުސްގައި ބޭއްވެވި ބައްދަލު ކުރެއްވުމުގެ ކުރިންނެވެ. މިއީ، އަނިޔާވެރި ނަތަންޔާހޫ ރުއްސަން އޭނާ އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
"އަޅުގަނޑަށް، މިއީ ވަރަށް އާދައިގެ ކަމެއް: ނިއުކްލިޔަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު އީރާނަށް ނުދެވޭނެ. އެ މީހުން ވަނީ [ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމާ] ވަރަށް ގާތުގައި،" ޓްރަމްޕް ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވީ ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން އީރާނުގެ ވެރިންނާ މަޝްވަރާކޮށް، ސުލްޙަވެރި ޙައްލެއް ހޯދުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ތަކުރާރު ކުރަން ޓްރަމްޕް ނިންމެވުމާ ގުޅިގެން އެ ޤައުމުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ. ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޭނާގެ ކުރިން ވެރިކަން ކުރެއްވި ރައީސް ޖޯ ބައިޑަނާއި އޭނާގެ ސަރުކާރު ފޭލުވެފައިވާ ކަމުގައެވެ. އަދި، އީރާނުން އިތުރު ޤައުމުތަކަށް ތެޔޮ ވިއްކައިގެން އާމްދަނީ އިތުރު ކުރުމުގެ ފުރުޞަތު ލިބިފައި ވަނީ ބައިޑަންގެ އަމަލުތަކުގެ ސަބަބުން ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި އީރާނުން ދަނީ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ ބޭނުން ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ކުރިއަރުވައި ފައްކާ ކުރުމަށެވެ.
ނިއުކްލިޔަރ ހަކަތައާ ބެހޭ އދގެ އިދާރާ (އައިއޭއީއޭ)ން ބުނީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ ޔުރޭނިޔަމް %60ށް މުއްސަނދި ކުރުމުގެ ޤާބިލު ކަން އީރާނުން ހޯދާފައިވާ ކަމުގައެވެ. އައިއޭއީއޭން މި ކަން ހާމަ ކޮށްފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުއެވެ. ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް %90ށް މުއްސަނދި ކޮށްފައިވާ ޔުރޭނިޔަމް ބޭނުންވާނެއެވެ. އީރާނުން ވަނީ އައިއޭއީއޭގެ ތުހުމަތުތައް ދޮގު ކޮށް، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެފައެވެ.
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރުމުގެ ވިޔަފާރިން 2023ވަނަ އަހަރު އެ ޤައުމަށް 53 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމުގައި އެމެރިކާގެ މަޞްދަރުތަކުން ބުންޏެވެ. އަދި، 2024ވަނަ އަހަރު ތެޔޮ އުފެއްދުން، 20218ވަނަ އަހަރާ އެއް މިންގަނޑަކަށް އިތުރު ކޮށްފައިވާ ކަމުގައި، ތެޔޮ އެކްސްޕޯޓު ކުރާ ޤައުމުތަކުގެ ޖަމުޢިއްޔާ (އޯޕެކު)ން ބުންޏެވެ. އީރާނުގެ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ޗައިނާއަށެވެ. ޗައިނާއަކީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް އިޙުތިރާމު ކުރާ ޤައުމެއް ނޫނެވެ.