ޚަބަރު

ކާމިޔާބީ ހޯދަންވީ ހުނަރާއި ހިތްވަރުން: ޠަލާލް


ކުޅިވަރުގައި ވާންވީ މަނާ ބޭހުން ދުރުހެލިވެފައިވާ ޗެމްޕިއަނުންނަށް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ޠަލާލް މިހެން ވިދާޅުވީ "ކްލީން ސްޕޯޓް ޓްރެއިނިންގ ފޯރ ސައުތް އީސްޓް އޭޝިއާ" ގެ ނަމުގައި ބޭއްވި ސެމިނަރގައި ވާހަކަ ދައްކަމުންނެވެ.

ސައުތު އޭޝިއަން ރީޖަނަލް އެންޓި ޑޯޕިން އޮގަނައިޒޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ސެމިނަރގައި ޠަލާލް ވަނީ ހުރިހާ ފަރާތްތަކަށް ގިނަ އިލްތިމާސްތަކެއް ކުރައްވާފައެވެ. އެގޮތުން ކުޅިވަރުގައި ވާންވީ މަނާބޭހުން ދުރުހެލިވެފައިވާ ޗެމްޕިއަނުންނަށްނަށް ކަމަށާއި، މަނާބޭހަށް ހޭލުންތެރި ކުރުވުމަށް ހިންގާ ޕްރޮގްރާމުތަކަށް އެއްބާރުލުންދީ ބައިވެރިވެ، އެކަމަށް މުޖުތަމައު އަހުލުވެރިކުރުވުމުގައި އެންމެންވެސް ޝާމިލުވުމަށް ޠަލާލް އެދިވަޑައިގެންނެވިއެވެ.

"ނެޝަނަލް އެންޓި ޑޯޕިން އޮގަނައިޒޭޝަންތަކުން ކުރިއަށްގެންދާ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި އެއްބާރުލުން ދެއްވާ. އަދި ކްލީން ސްޕޯޓްގެ ހަރަކާތްތަކުގެ ފަހުގެ މަޢުލޫމާތުތައް ހޯދާ އަދާހަމަވެފައިވާ މީހަކަށްވެވޭތޯ އެންމެންވެސް މަސައްކަތްކުރަންވީ. މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުން މިކަމަށް ހޭލުންތެރި ކުރުވުމަށް ގެންދާ ހަރަކާތްތަކުގައި ފަސްނުޖެހި ބައިވެރިވުމަށް އިސްނަންގަވާ" ޠަލާލް އިލްތިމާސް ކުރެއްވިއެވެ.

މި ސެމިނަރގައި ވާހަކަދައްކަވަމުން ޠަލާލް އިތުރަށް ވިދާޅުވީ އެ ކޮމިޝަނުން ހުއްޓާނުލާ ކުރަމުންދާ އެއް މަސައްކަތަކީ، ބުންވަރާއި ހަކަތަ ޖެއްސުމަށް ބޭނުންކުރާ މަނާ ބޭހާ އެތުލީޓުން ދުރުކުރުވައި، ނަޒާހަތްތެރިކަމާއެކު މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތަކެއް ހޯދުމަށް ހިތްވަރުދިނުން ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަންގެ އަމާޒަކީ އެތުލީޓުންގެ މެދުގައި މަނާ ބޭހުން ދުރުހެލިވެފައިވާ ސަގާފަތެއް އަށަގަންނެވުމަށް މަސައްކަތްކުރުން ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

"ޝޯޓްކަޓްތަކަކުން ކާމިޔާބު ހޯދުމުގެ ބަދަލުގައި ކާމިޔާބީއަކީ ހުނަރާއި ހިތްވަރުން ލިބޭނެ އެއްޗެއްކަން އެބަ ޖެހޭ ގަބޫލުކުރަން" ޠަލާލް ވިދާޅުވިއެވެ.

މި ސެމިނަރގައި ބައިވެރިވި އެންމެހާ ފަރާތްތަކުން ހިތްވަރާއެކު މަސައްކަތްކުރަންވީ އެކަމަށް މީހުން ހޭލުންތެރިކުރުވައި، އެންމެންގެ ބައިވެރިވުމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް، އެކަމުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ކަމަށް ޠަލާލް ވިދާޅުވިއެވެ. އަދި މި ސެމިނަރއިން ދަސްވި ފިލާވަޅުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ކުޅިވަރު މުސްތަގުބަލު ބައްޓަން ކުރުމަށް އެހީއަކަށް ވެގެންދާނެކަން ޠަލާލް ފާހަގަކުރެއްވިއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސެމިނަރގައި ދިވެހިރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ ބަންގްލަދޭޝް އާއި، ބޫޓާން އާއި، ނޭޕާލް އަދި ސްރީ ލަންކާއެވެ. ކުޅިވަރާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކުރެވިގެން ކުރިއަށްގެންދިޔަ މި ސެމިނަރ ބާއްވާފައިވަނީ ހެންވޭރު ބޯޅަގޭގައެވެ.