ޖަރުމަން ލީގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ބިޒީ ޝެޑިއުލްގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް ބަޔާން މިއުނިކުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކާ ދެކޮޅަށް މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގައި ބަޔާން މިއުނިކުން ވަނީ 2-1 ގެ ނަތީޖާއަކުން އެ ޓީމު ބަލިކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރަށް ކޮލިފައިވުމަށްޓަކައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗެކެވެ.
"ބުރަ ޝެޑިއުލްގެ ސަބަބުން ކުޅުމަށް އަސަރުކޮށްގެން ނުވާނެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ އަސަރެއް މިކަމުން ކުރާނެ. އަހަރެން މިތިބީ މިގޮތަށް ހޭނިފަ. އެހެންވީމަ މިކަމަށް ޓީމުވަނީ ނަފްސާނީގޮތުން ތައްޔާރުވެފަ" މީޑިއާ ތަކާއި ވާހަކަދައްކަމުން ކޯޗް ކޮމްޕެނީ ބުނެފަވެއެވެ.
ކޮމްޕެނީ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މިވަގުތު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ލީގުގައި އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 54 ޕޮއިންޓް ހޯދައިގެން 8 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ލީގުގައި ބާކީ 12 މެޗްއޮތް އިރު، މާދަމާގެ މެޗު ކާމިޔާބުކޮށްގެން 11 ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ބަޔާން މިއުނިކަށް އޮންނާނެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ލެވަކޫސަން ފުރުސަތު ހޯދާފައިވަނީ ފޭސް އެކެއްގައި ކުޅުނު މެޗުތަކުން އެންމެ ކުރީގައިވާ 8 ޓީމު ތެރޭގައި ހިމެނިގެންނެވެ.
"މިއީ ވަރަށް ގިނަމީހުންގެ ޝައުޤުވެރިކަމާއި ގުޅިފައިވާ ގޭމެއް. ހަނދާންބަހައްޓަންވީ ކަމަކީ ފާއިތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ލީގުގައި އެމީހުން ބަލިވެފައިވަނީ އެންމެ ފަހަރަކުކަން. މީގެން މި ދައްކައިދެނީ އެމީހުންގެ ފެންވަރު. އެހެންވީމަ އަހަރުމެން އެބަ ޖެހޭ މޮޅުވާ ޓީމުތަކުގެ ތެރޭގައި ހިމެނެން" ކޯޗު ކޮމްޕެނީ ބުނެފަވެއެވެ.
ނިމިދިޔަ ސީޒަންގެ ލީގާއި، ޖަރުމަން ކަޕް ލެވަކޫސަނުން ކާމިޔާބުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ޖަރުމަން ލީގުގައި އެ ޓީމު މިހާތަނަށް ބަލިވެފައިވަނީވެސް އެންމެ މެޗަކުންނެވެ.
"ލެވަކޫސަންއާއި ދެކޮޅަށް ކުޅޭ މެޗުގައި ވާނެގޮތެއް އަންދާޒާކޮށްލަން ދަތި. އެހެންނަމަވެސް އެނގޭ ކަމަކީ މި މެޗަކީ ވަރުގަދަ މެޗަކަށް ވާނެކަން. އަހަރުމެންގެ އަމާޒަކީ މިމެޗުން މޮޅުވުން. މޮޅުވެއްޖެނަމަ ގައިމުވެސް އަހަރެމެންނަށް ރަނގަޅު ހަފްތާ ބަންދަކަށް ވެގެންދާނެ" ކޯޗް ކޮމްޕެނީ ކުރިއަށް އޮތް މެޗާއި ގުޅޭ ގޮތުން ބުންޏެވެ.
ޖަރުމަން ލީގުގައި ރަށުން ބޭރުގައި ބަޔާން މިއުނިކް، ބަޔާ ލެވަކޫސަންއާއި ދެކޮޅަށް ނިކުންނައިރު ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި މިޓީމު ކުޅުނު މެޗްވެސް ބަޔާން މިއުނިކް ވަނީ ކާމިޔާބުކޮށްފައެވެ.