އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ކޮންޒަރވަޓިވް ޕާޓީގެ ތެރެއިން އިޚްތިޔާރު ކުރަން އެންމެ ރަނގަޅީ ދާޚިލީ ވަޒީރު ތެރީސާ މޭ ކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ޕިލިޕް ހެމަންޑް ވިދާޅުވެއްޖެއެވެ.
ލަންޑަންގައި ދެއްވި ބަޔާނެއްގައި ހެމަންޑް ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭފަދަ ޤާބިލްކަން ހުރި ބޭފުޅަކީ ތެރީސާ މޭ ކަމަށާއި އޭނާއަކީ ޙަޤީޤަތާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރުމުގައި ލާމަސީލު ބޭފުޅެއްކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވަނީ އަންނަ އޮގަސްޓްމަހު މަޤާމުން އިސްތިޢުފާ ދެއްވުމަށް ނިންމަވައި އެކަން އިޢުލާން ކުރައްވާފައެވެ.
ކެމަރަންއަށްފަހު އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަޤާމަށް ވެރިކަންކުރާ ކޮންޒަރވަޓިވް ޕާޓީން އިޚްތިޔާރުކުރާނީ ކޮންބޭފުޅެއްކަން އަދި ސާފުވެފައެއްނުވެއެވެ. ނަމަވެސް ބޮޑުވަޒީރު ކަމުގެ މަޤާމަށް އެދި ނަން ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ދާޚިލީ ވަޒީރު ތެރީސާ މޭ ގެ އިތުރުން މަސައްކަތްތެރިންނާބެހޭ ވަޒީރު ސްޓީވެން ކްރެބް އާއި ލަންޑަންގެ ކުރީގެ މޭޔަރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވައެވެ.