ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ޕްލިނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަމިޓުގެ ހަވާސާގައި ބޭއްވި ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމާއި ކްލައިމެޓް ޗޭންޖް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅު ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި ކުރިއަށްދިޔަ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވާފައެވެ. އެގޮތުން މި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމުގައެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.