ކުޅިވަރު

ޔުނައިޓެޑް މިހާރު އޮތް ހާލަތަށް ވެއްޓުމުގައި ކުޅުންތެރިންނާއި ކޯޗުން ޒިންމާ ނަގަންޖެހޭ: އަމޮރިމް


މެންޗެސްޓަރ ޔުނައިޓެޑަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކުލަބަށް ލާރި ނުވެދުން ކަމަށާއި، އެކަމުގެ ސަބަބުން ކުލަބުގެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، އެ ކަންކަމަކީ ކުޅުންތެރިންނާއި ކޯޗިންގ ޓީމުން ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އަމޮރިމް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ހިއްސާ އިނޮއިސް އިން ގަތްފަހުން ކްލަބްގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ގިނަދުވަސްތަކެއް ވަންދެން ކްލަބަށް އެކިގޮތްގޮތުން ހިދުމަތްކޮށްދީފައިވާ މުވައްޒަފުން ކްލަބުން ވަނީ ދޫކޮށްލާފައެވެ. އަދި މީގެއިތުރުންވެސް ކްލަބުން މީގެކުރިން ކުރަމުންދިޔަ ބައެއް ކަންކަމަށް މިހާރު ވަނީ ހަރަދުކުޑަކުރުމުގެ ގޮތުން ނިމެމެއް ގެނަސްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އަމޯރިމް ބުނީ ޔުނައިޓެޑްއަށް ލިބޭ އާމްދަނީ މަދުވުމާއި މެޗުތަކުން ބަލިވުމަކީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް އެކަމުގެ ޒިންމާނަގަންޖެހޭ ކަމެއް ކަމަށެވެ. މިގޮތުން މިހާރު ކްލަބަށް ޗެމްޕިއަންސް ލީގުން ލިބޭ އާމްދަނީ ނުލިބުމަކީ ބޮޑު ގެއްލުމެއް ކަމަށާއި މިކަންކަމަށް ހައްލެއް ހޯދޭނީ ދަނޑުމަތީގައި ކުޅުންތެރިން ނެރޭ ނަތީޖާއިން ކަމަށެވެ. އެހެންކަމުން ކްލަބްގެ ހާލަތާއި ވަޒީފާގެއްލޭ މުވައްޒަފުންގެ މަތިން ހަނދާންނައްތާނުލާ ކުޅުންތެރިން ފުރިހަމަ ޒިންމާ ނަގާ މިހާރު ކްލަބް މިއޮތް ވަޅުގަނޑުން އަރައިގަންނަން އެންމެ އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ޕްރިމިއަރ ލީގު ތާވަލްގެ 14 ވަނާގައެވެ.