ކުޅިވަރު

ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި


ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އާއި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކުރުން އޮތީ މިއަދު މެންދުރުފަހު ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮންއެވެ.

މި ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި، އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މި ފަހުމުނާމާގައި ސޮއިކުރެވުނުއިރު، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސަށް ޒިޔާރަތްކުރައްވާފައެވެ. އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮން ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވަނީ މިދިޔަ ޖެނުއަރީ މަހު ފުޖިއާން ޕްރޮވިންސްގައި ބޭއްވި މެރެތަންއެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ ސަބަބުން ދެ ޤައުމުގެ މެދުގައި ކުޅިވަރާ ގުޅުންހުރި ގިނަ ދާއިރާތަކަކުން ކުރިއަށް ދިއުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިފަވާ ކަމަށް ޖިން ސޮން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކުޅިވަރު ދާއިރާއިން ނޫނަސް ތަރައްގީއާ ގުޅުންހުރި އެކި ރޮނގުރޮނގުން ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޑޮން ޖިން ސޮން ވިދާޅުވިއެވެ.