އެމެރިކާއިން ހިފަހައްޓާފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ދޫކުރުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން، އެ ތަކެތި ޒަޔަނިސްޓު އިސްރާއީލަށް ގެންދަން ފަށައިފިއެވެ. ޔަހޫދީން ގަނެފައިވާ ކަމަށް އެމެރިކާއިން ބުނާ ހަތިޔާރުތަކުގެ ތެރެއިން ބައެއް ތަކެތި ހިފެހެއްޓުމަށް ނިންމާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަނެވެ. ނަމަވެސް، ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ ބައިޑަންގެ ނިންމެވުން ބާޠިލު ކުރައްވައި، ޔަހޫދީން ބޭނުންހާ ހަތިޔާރެއް އެ މީހުންނަށް ފޯރުކޮށްދިނުމުގެ ހުއްދަ ދެއްވާފައެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ، ޓްރަމްޕްގެ ނިންމެވުމާ އެކު ހިފަހައްޓާފައިވާ ހަތިޔާރުތައް ދޫކޮށްލުމުން، އެމްކޭ-84 މަރުކާގެ ބޮން ޔަހޫދީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ހަތިޔާރު މިހާރު ވެސް ޒަޔަނިސްޓު އިސްރާއީލަށް ގެންގޮސްފައިވާ ކަމުގައެވެ. އެ ހަތިޔާރުތަކުގެ ޝިޕްމަންޓެއް ލިބިފައިވާ ކަން ޒަޔަނިސްޓު އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އެމްކޭ-84 މަރުކާގެ ބޮމަކީ 2,000 ޕައުންޑު ނުވަތަ 907 ކިލޯގެ ފަނާކުރަނިވި ހަތިޔާރެކެވެ. އެ ތަކެތި ޔަހޫދީންނަށް ފޯރުކޮށްދިނުން މެދުކަނޑައިލުމަށް ބައިޑަން ނިންމަވާފައި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކާ ގުޅިގެންނެވެ. އަދި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ޤަތުލުޢާންމުގައި އެމެރިކާއިން ބައިވެރިވަމުންދާ ކަމުގެ އަޑުތައް ގަދަވާން ފެށުމާ ގުޅިގެންނެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 111,000ށްވުރެ މައްޗަށް އުފުލިފައެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
އެމްކޭ-84 މަރުކާގެ 900 ކިލޯގެ ބޮމަކީ ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެކެވެ. ޔަހޫދީން އެ ހަތިޔާރު ބޭނުން ކޮށްފައި ވަނީ، ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅެމުން ދިޔަ ބޮޑެތި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލުމަށެވެ. އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ވަނީ ނަގައިލާފައެވެ. ޝަހީދު ކޮށްލާފައެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ.