ޔުވެންޓަސް އަތުން 1-0 އިން ބަލިވި މެޗުގައި އިޓާލިއަން ސެރީ އޭގެ އެއްވަނައިގައި އޮތް ނަޕޯލީ ފަހަތަށް ޖައްސާލަން ލިބުނު ފުރުސަތު އިންޓަ މިލާނުން ނަގާލުމުން އެ ޓީމުގެ ކޯޗު ސިމިއޯނި އިންޒާގީ މާޔޫސްވެއްޖެ އެވެ.
މި މެޗުން ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެންސިސްކޯ ކޮންސެއިސާއޯއެވެ. މިއީ ޔުވެންޓަސްގެ ފްރާންސް ފޯވާޑް ރަންޑަލް ކުލޯ މުއާނީ ގެ އެސިސްޓަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
"މެޗާއި މެދު އެބަހުރި ހިތްހަމަނުޖެހުންތައް. އެކަމަކު ކުޅުންތެރިންވަނީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ވަރަށް ހިތްވަރުދައްކާފަ" މީޑިއާ ވާހަކަ ދައްކަމުން އިންޒާގީ ބުންޏެވެ.
އިންޒާގީ ބުނެފަވަނީ އޭނާގެ ޓީމަށް ގިނަ ގޯލުތަކެއް ޖެހެން ޖެހޭނެކަމަށާއި، ބޮޑު ތަފާތަކުން ފުރަތަމަ ހާފް ނިމެންޖެހޭނެ ކަމަށެވެ. އޭނާ މިހެން ބުނީ ގައުމުން ބޭރުގައި ކުޅުނު ގިނަ މެޗްތަކަކުން އިންޓަ މިލާން ބަލިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ފިއޮރެންޓިނާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށް އަލިއަޅުވާލަމުން އިންޒާގީ ބުނެފަވަނީ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރަންޖެހިފައިވާކަމަށެވެ.
އިންޓަރ މިލާނަށް 25 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި ލީގު ތާވަލްގެ އެއްވަނާގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. މާރޗްމަހުގެ 2 ވަނަ ދުވަހު އިންޓަމިލާން ނިކުންނާނީ އެއްވަނާގައި އޮތް ނާޕޯލީ، އެމީހުންގެ އަމިއްލަ ދަނޑުގައި ބަލިކޮށް ތާވަލްގެ ކުރިއަށް ޖެހިލުމުގެ އަޒުމުގައެވެ.