ޚަބަރު

ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގައި ރާއްޖެއިން ފެށުން ރަނގަޅުކޮށްފި


ބަހްރެއިނުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައި.ޓީ.އެފް) ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގެ އޭޝިއާ އޯޝޭނިއާ ޕްރީ ކޮލިފިކޭޝަން 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ސީދާ ތިން ގޭމުން މަކާއޯ ބަލިކޮށް ރާއްޖެއިން ފެށުން ރަނގަޅުކޮށްފިއެވެ.

މި މުބާރާތުގައި އިއްޔެ ކުރިއަށް ދިޔައީ ޖީ14 ގެ ގްރޫޕް ޑީގެ އަންހެން ކުދިންގެ މެޗުތަކެވެ. މިގޮތުން ރާއްޖޭގެ ކިޔާރާ އުސާމާ އަލީ ވަނީ ސީދާ ދެ ސެޓުން ބޮޑު ތަފާތަކާއި އެކު މަކާއޯގެ އެމާ ހޮއި އައިނޮންގ ބަލިކޮށްފައެވެ. މިމެޗްގެ ސެޓުތައް ކިޔާރާ ގެންދިޔައީ 6-2 އަދި 6-3 އިންނެވެ.

މި މުބާރާތުގައި ދެން ކުރިއަށްދިޔަ މެޗުގައި ރާއްޖޭގެ އާއިޝަތު ކަރިން ސައިޒާން ވެސް ވަނީ ސީދާ ދެ ސެޓުން މަކާއޯގެ ހޮންގ ޓާއި ވޫ ބަލިކޮށްފައެވެ. މި މެޗްގެ ސެޓުތައް ކަރިން ގެންދިޔައީ 6-3 އަދި 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ދެން ކުޅުނީ ރާއްޖޭގެ ކިޔާރާ އާއި މަކާއޯގެ އެމާ ހޮއި ވޫ ބައްދަލުކުރި މެޗެވެ. މި މެޗްގައި ވާދަވެރިކުޅުމެއް ފެނިގެން ދިޔައިރު މި މެޗްވެސް ރާއްޖޭގެ ކިޔާރާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 7-5 އަދި 6-2 އިންނެވެ. މި ރައުންޑްގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 17 އިން 22 އަށެވެ.

މި މުބާރާތުގައި ދެން ކުރިއަށްދާނީ ފިރިހެނުންގެ މެޗްތަކެވެ. އެ މެޗުތަކުގައި ބައިވެރިވާ ކުދިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފިރިހެން ކުޅުންތެރިންނަކީ މިކާ މުހަންމަދު ކަލީމް، ލޫޠް އަޤްލީމް އަހްމަދު އަދި އިބްރާހިމް ޒަފަޔާން މުހައްމަދު ސަލާމްއެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައި.ޓީ.އެފް) ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގެ ފިރިހެން ކުދިންގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 24 އިން މާރޗް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބަހްރެއިނުގައި ކުރިއަށްދާ މި މުބާރާތަކީ ރާއްޖެއިން މިއަހަރު ބައިވެރިވާ ފުރަތަމަ މުބާރާތެވެ. އަދިވެސް އިތުރު ގިނަ މުބާރާތްތަކެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަނީ ތާވަލުކޮށްފައެވެ.