ދުނިޔެ

ތެލުގެ އަގު ދަނީ ހަމައަކަށް އެޅެމުން- ސަޢޫދީ ޢަރަބިއާ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަމައަކަށް އެޅެމުންދާކަމަށް ސަޢޫދީ ޢަރަބިއާގެ ތެލާބެހޭ ވަޒީރު ޚާލިދުލް ފާލިޙް ވިދާޅުވެއްޖެއެވެ. 

ފާލިޙް ވިދާޅުވީ ތެލުގެ އަގު މިހާރުދަނީ މަތިވަމުންކަމަށާ އަދި ކައިރި މުސްތަޤްބަލެއްގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަމައަކަށް އެޅޭނެކަމަށެވެ. އޯޕެކްގެ އައު ސެކްރެޓަރީ ޖެނެރަލް މުހައްމަދު ބާކިންދޫވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. 

ފާލިޙް އާއި ބާކިންދޫ ވަނީ ސަޢޫދީ ޢަރަބިޔާގެ ޒަހަރާންގައި އާދިއްތަ ދުވަހު ބައްދަލުކުރައްވައި އޯޕެކުން އުފައްދާ ތެލުގެ އަގު މަތިކުރެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިހަފްތާގައި ތެލުގެ އަގު ކުޑަތަންކޮޅެއް މައްޗަށް ޖެހިލުމާއެކު ތެޔޮފީފާއެއްގެ އަގުވަނީ ފަންސާސް ޑޮލަރު ފަންސާސް ދެ ސެންޓަށް މައްޗަށްގޮސްފައެވެ. 

ނަމަވެސް ތެލުގެ ބާޒާރާބެހޭ ތަޖްރިބާކާރުން ވިދާޅުވަނީ ތެލުގެ އަގު މައްޗަށް ދިޔައީ ނައިޖީރިޔާއިން އުފައްދާ ތެލުގެ މިންވަރު ދަށަށްދިޔުމުގެ ސަބަބުން ކަމަށެވެ.