ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީއާއި ޗައިނީސް އެކަޑަމީ އޮފް ސައިންސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްދާނީ ގެއްލުން ލިބިފައިވާ ފަރުތައް އިއާދަކުރުމުގެ މަސައްކަތްކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހެން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޖާސޫސުކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކާއި ގުޅިގެނެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނީސް އެކަޑަމީ އޮފް ސައިންސްއާއެކު ޤާއިމްކުރި އެމްއޯޔޫގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މުރަކަ އާލާކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ އީޕީއޭގެ ބެލުމުގެ ދަށުން އީޕީއޭއިން ކަނޑައަޅާ ތަންތަނުގައިކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިވަގުތު މި މަސައްކަތް ކުރިއަށްގެންދަން ފުރަތަމަ ކަނޑައަޅާފައި އޮތީ މީގެ އަހަރުތަކެއް ކުރިން ބޯޓެއް ފަރެއް އެރުމުގެ ސަަބަބުން ގެއްލުންތަކެއް ލިބިފައިވާ ރަސްފަރީ ފަރުގައިކަމަށެވެ.
A Memorandum of Understanding (MoU) on technology cooperation was signed today between the South China Sea Institute of Oceanology, Chinese Academy of Sciences, and the Environmental Protection Agency.@EPAMaldives @MoEnvmv pic.twitter.com/4KQvtu57x2
— Ministry of Tourism and Environment (@MoTmv) February 17, 2025
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮރަލް ރީސްޓޯރޭޝަންގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ފަންނީ ޤާބިލްކަން ލިބިފައިވާ މުވައްޒަފުން އީޕީއޭގައި އެބަތިއްބެވިކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ބޭނުންވާ ފަންނީ އާލާތްތައް ލިބުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ނަމަވެސް މި އެމްއޯޔޫގެ ސަބަބުން އެ ތަކެތި ލިބޭނެކަމަށެވެ. އެގޮތުން ޗައިނީސް އެކަޑަމީ އޮފް ސައިންސްއާއެކު ޤާއިމްކުރި އެމްއޯޔޫގެ ދަށުން ޕޯޓަަބަލް ވެދަރ ސްޓޭޝަނަކާއި ޓެމްޕަރޭޗަރ ލޮގާއެއް އެ ބޭފުޅުން ފޯރޮކޮށްދޭނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައިކަމަށާއި، އަދި އެ މަސައްކަތް ކުރިއަށްގެންދާނީވެސް ނަގަންޖެހޭ ހުއްދަތައް ނަގައިގެންކަމަށެވެ. އަދި ޗައިނާއިން ފޯރުކޮށްދޭ ސާމާނު ހަރުކުރުމާއިި، އެ ބޭނުންކުރުމާއި، އެ ކަމާއި ގުޅޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އީޕީއޭގެ މުވައްޒަފުންކަމަށްވެސް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.