ޚަބަރު

ރަމަޟާންމަހުގެ ހަނދު ސާބިތުކުރަން އަންނަ ހަފްތާ ބަންދުގައި ކޯޓުތަކާއި ކައުންސިލްތައް ހުޅުވާފައި ހުންނާނެ


  • 28 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 ފެށިގެން އެތަންތަން ހުޅުވާފައި ހުންނާނެ

  • ހަނދު ފެނުނުއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ދޭންވާނެ

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުމަށްޓަކައި މިމަހުގެ 28ވާ ހުކުރު ދުވަހުގެ ހަވީރު 5:30އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މިމަހުގެ 28ވާ ހުކުރު ދުވަހުގެ ހަވީރު 5:30 ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވާފައި ބެހެއްޓުމަށާއި، އެ ޑިޕާޓްމަންޓުން ކޯޓުތައް ބަންދުކުރުމަށް އެންގުމުން ނުވަތަ ހަނދާބެހޭ ޤަރާރު އިޢުލާންކުރުމުން ކޯޓުތައް ބަންދުކުރާގޮތަށް ހަމަޖެއްސުމަށް މެޖިސްރޭޓް ކޯޓުތަކަށް އަންގަވާފައެވެ.

ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމަށްޓަކާ މީހަކު ނުވަތަ ބަޔަކު އައުމުން އެކަން މަޢުލޫމާތަށްޓަކާ ވަގުތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުމަށާއި، ހަނދު ފެނުނުކަމުގެ ހެކިބަސް ހޯދާއިރު، ހަނދު ފެނުނުއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ފަދަ މަޢުލޫމާތު ދޭންވާނެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކާ ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާރޗްމަހުގެ ފުރަތަމަ ދުވަސްވާ ހޮނިހިރުދުވަހެވެ.