ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމެޓީން ނިންމަވައިފިއެވެ.
ޕީޕީއެމުން ފާރިސް ވަކިކުރައްވާފައި މިވަނީ އިއުލާންކުރުމެއްނެތި ރަށްތައް ކުއްޔަށްދިނުމަށް މަޖިލީހަށް ހުށައެޅި އިސްލާހު ފާސްކުރުމަށް ޕާޓީން ނެރުނު ތްރީ ލައިން ވިޕާއި ޚިލާފަށް ފާރިސް ވޯޓް ދެއްވި މައްސަލާގައެވެ. މަޖިލީހުގައި އެ ބިލަށް ވޯޓް ނެގި ދުވަހު މަޖިލީހުގެ ޖަލްސާގައި ހާޒިރުވެޑައިގެން އިންނަވާ ފާރިސް މައުމޫން ވޯޓް ދެއްވާފައިވަނީ އެ ބިލް ފާސްކުރަން ނުފެންނަކަމަށެވެ. ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ ފާރިސް މައުމޫން އެ ޕާޓީން ވަކިކޮށްފައި މިވަނީ ޕާޓީގެ ހިންގެވުމުގެ ހުރިހާ ބާރެއް ރައީސް މައުމޫން ނަންގަވާ ޕާޓީގެ އެއްވެސް ކޮމެޓީއެއް އެމަނިކުފާނުގެ ހުއްދަނެތި ނުބޭއްވުމަށް އަންގަވާފައިވަނިކޮށެވެ.
މިއަދު މެންދުރުފަހު ބޭއްވި ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުން ބާއްވާފައިވަނީވެސް ޕީޕީއެމްގެ އޮފީހަކު ނޫނެވެ.
މިއަދު ބޭއްވި ސުލޫކީ ކޮމެޓީގެ ބައްދަލަވުމުގައި ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑާއިގަންނަވާ ދެ މެމްބަރަކުވެސް ޕާޓީން ވަކިކުރުމަށް ނިންމާފައިވެއެވެ. މިގޮތުން ކުރިން ޖެންޑަރ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރަކަށް ހުންނެވި އާމިނަތު ނާދިރާ އާއި މާލޭ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީންވެސް ޕީޕީއެމުން ވަކިކުރުމަށް ވަނީ ނިންމަވާފައެވެ.
ނާދިރާ ޕާޓީން ވަކިކޮށްފައިވަނީ ސަރުކާރަށް ފާޑުކިޔާ ޓްވީޓް ކުރި މައްސަލާގައެވެ. އެ މައްސަލާގައި އޭނާ ސަރުކާރުގައި ހުރި މަގާމުންވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަކިކުރައްވާފައިވެއެވެ. ޒައިދުލް އަމީން ޕާޓީން ވަކިކޮށްފައިވަނީ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ޝޯޝަލް މީޑިއާގައި ވާހަކަދައްކާކަމުގެ ތުހުމަތުގައެވެ.