ޚަބަރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާ މާކެޓަށް


  • ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާނެ

ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ބެއިޖިންގައެވެ.

މި ރަސްމިއްޔާތުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ހުސައިން އަފީފްއެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ލިން ޔުޗެންޖްއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޗައިނާގެ ބޮޑެތި މީޑިއާތަކުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމަކީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑްގެ ދަށުން ޤާއިމްކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު އެންސިސް ފިޝަރީޒްއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާނެއެވެ. އޭގެތެރޭގައި ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ މެދުތެރޭގައި ޗައިނާއަށް ފޮނުވަން ތައްޔާރުވަމުންދާއިރު އެ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ބެއިޖިންއަށެވެ. އަދި ބެއިޖިންއާއި ކައިރި ޕްރޮވިންސްތަކުގައިވެސް މި އުފެއްދުންތައް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ އެ ކުންފުނިން މި އުފެއްދުންތައް ޗައިނާގައި އޮންލައިންކޮށްވެސް ވިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެކު އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވެގެންދާނެކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މަގުފަހިވެގެންދާއިރު މީގެ ސަބަބުން އައު ވިޔަފާރިތައް އުފަންވެ، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ޗައިނާއަކީ 1.41 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއް އޮތް ޤައުމަކަށްވާއިރު މިހާބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދު ކުރިއަރާ ދުވެލި ހަލުއިވެގެންދާނެ ކަމެއްކަން އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.