ސައުދީ ޕްރޯ ލީގުގައި ރޭ އަލް އިއްތިފާގާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން އަލް ނަސްރު ބަލިވެ ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެ އެވެ.
މި މެޗުން ބަލިވިއިރު އަލް ނަސްރަށް 21 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އަދި އަލް އިއްތިފާގަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ 28 ޕޮއިންޓް ހޯދައިގެން 8 ވަނަ އަށް އަރާފަ އެވެ. ތާވަލުގެ އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 20 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް ހިލާލަށްވެސް 20 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.
ރިޔާދުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އަލް ނަސްރުގެ އައިމަން ޔަހްޔާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ އަށް މިނިޓު ފަހުން އިއްތިފާގުގެ ޖިއޮޖީނޯ ވައިނަލްޑަމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި އަލް ނަސްރު އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި މުހައްމަދު އަލް ފާތިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް މުހައްމަދު އަލް ފާތިލް އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ.
އަލް އިއްތިފާގު އިން މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖިއޮޖީނޯ ވައިނަލްޑަމް އެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ރެފްރީ ވަނީ އަލް ނަސްރުގެ ފޯވަޑް ޖޯން ދުރާން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ސައުދީ ލީގުގެ އެއްވަނައިގައި އޮތް އަލް އިއްތިހާދާއި ދެކޮޅަށް ދެވަނައިގައި އޮތް އަލް ހިލާލް މިއަދު ކުޅޭ މެޗުން އަލް އިއްތިހާދު މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލުގެ ކުރީގައި 7 ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެ އެވެ.